އިލެކްޝަންސް ކޮމިޝަން

އީސީގެ މެމްބަރުކަމަށް އާސިފް ލާން މަޖިލީހުން ރުހުން ދީފި

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރަކަށް މުހައްމަދު އާސިފް (އިރުވައި އާސިފް) އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އާސިފް އެ މަގާމަށް އައްޔަނުކުރަން މަޖިލީހުގެ މިނިވަން މުވައްސަސަތަކާ ބެހޭ ކޮމިޓީން މީގެ ކުރިން އޮތީ ފާސްވެސްކޮށްފަ އެވެ. އަދި އޭނާ އެ މަގާމަށް އައްޔަނުކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަކަމަށް 50 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އީސީގެ މެމްބަރު ކަމަށް އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ލިސްޓްގައި ފަސް ބޭފުޅަކު ހިމެނުނު އިރު ލިސްޓުގެ އެންމެ ކުރީގައި ވެސް އޮތީ އާސިފްގެ ނަމެވެ. ފިލްމީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައިވާ އާސިފަކީ އިލެކްޝަން ކޮމިޝަންގައި މީގެކުރިން މަސައްކަތް ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އެ ކޮމިޝަންގެ މެންބަރުކަމުން މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަކީ އެެއްވެސް ސިޔާސީ ޕާޓީ އަކަށް ނިސްބަތް ނުވާ އަދި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގެ ތެރޭގައިވެ އެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަންގައި މިވަގުތު ތިއްބެވީ ހަތަރު މެންބަރުންނެވެ.