އިދިކޮޅު ފަރާތްތައް

ދައްޕަރު ވަކިކުރީ ވިއްކާލަން: އިދިކޮޅު

ހއ. ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހްތިސާސުގެ ތެރެއިން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގަރާރަކުން ނިންމެވި ނިންމެވުމަކީ ވަރަށް ހުދުމުހުތާރު އަދި ލާމަރުކަޒީ ގާނޫނާއި ލާމަރުކަޒު ކުރުމުގެ މަފްހޫމާއި މުޅިން ތައާރަޒް ނިންމުމެއް ކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ހއ. ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ހއ. ދައްޕަރު، އެ އިދާރާގެ އިހުތިސޯސުން ވަކިކޮށްފި އެވެ. އެ ނިންމުން ނިންމަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ގަރާރެއް އާންމު ކުރައްވާފަ އެވެ.

އެ ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ދަށުން 2020 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަަނަ ދުވަހު އެކަށައެޅި ގަރާރަށް ބަދަލު ގެންނަން ޖެހިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑަައިގަންނަވާ ކަމަށެވެ.

އެހެން ކަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ދައްޕަރު، އެ އިދާރާގެ އިހުތިސާސް އިން ވަކިކޮށްފައިވާ ކަމަށެވެ.

ރައީސްގެ އެ ނިންމެވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައްޕަރަކީ ޒަމާނުއްސުރެއް ފިއްލަދޫ ރައްޔިތުންނަށް މަންފާ ލިބޭ ރަށެއްގެ ގޮތުގައި އަދި ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައްޔިތުން ބަލަމުންދާ ރަށަކަށްވެފައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނި ރަށުގެ ތަރައްގީގެ ޕްލޭންތައްޔާރުކޮށް ކައުންސިލަށް އާމްދަނީ ލިބޭނެ މުހިއްމު ވަސީލަތެއްގެ ގޮތުގައި އޮތް ރަށެއް ކަމަށެވެ. އެ ކޯލިޝަނުން ބުނި ގޮތުގައި ކައުންސިލާއި އަދި ރައްޔިތުންނާއި އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ދައްޕަރު ވަކިކޮށްލުމަކީ ފިއްލަދޫގެ ރައްޔިތުންނަށް ދެވޭ ވަރަށްބޮޑު އަނިޔާއެކެވެ. އަދި މިކަމާ ގުޅިގެން ފިއްލަދޫގެ ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ކަންބޮޑުވުން އިންތިހާއަށް ވަނީ އުފެދިފައެވެ.

އެ ކޯލިޝަންގެ ބަޔާނުގައި ބުނީ ސެކަންޑް ހޯމް ޕްރޮޖެކްޓްގެ ދަށުން ކަމަށް ބުނެ ރާއްޖެއިން ބޭރުން އަންނަ ބަޔަކު ދިރިއުޅުމަށް ދައްޕަރު ވިއްކާލުމަކީ ރައްޔިތުން އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

".. އެހެންކަމުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށާއި ރައްޔިތުންނަށް އެންމެ ފައިދާ އާއި މަންފާ ލިބޭނެ އަދި ރައްޔިތުން ބޭނުންވާ ގޮތަށް މިފަދަ ކަންކަން ނިންމުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލަމެވެ. އަދި ލާމަރުކަޒު ކުރުމުގެ ނަމުގައި މިފަދަ ހުދުމުހުތާރު އަމަލުތައް ހިންގުން ހުއްޓާލުމަށާއި ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހްތިސާސުގެ ތެރެއިން ވަކިކުރުމަށް ނިންމެވި ގަރާރު އަނބުރާ ގެންދަވާ ސެކަންޑް ހޯމް ޕްރޮޖެކްޓްގެ ނަމުގައި ދައްޕަރު ބޭރުގެ ބަޔަކަށް ވިއްކާލައިގެން ނާޖާއިޒު ގޮތުގައި މަންފާ ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލަމެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާފަދަ ކަންކަން ނުކުރުމަށާއި ގާނުނުއަސާސީ އާއި ގާނޫނުތަކާއި އަދި ކުރައްވާފައިވާ ހުވައާއި ހިލާފުނުވުމަށްވެސް މިކޯލިޝަނުން ގޮވާލަމެވެ،"