ގާސިމް އިބްރާހިމް

ބަރުލަމާނީއަކީ ދަންތުރައެއް، އިސްކުރަނީ އަމިއްލަ އެދުން: ގާސިމް

ބަރުލަމާނީ ނިޒާމު ގެންނަން މަސައްކަތް ކުރާ މީހުން އިސްކުރަނީ އެ މީހުންގެ އަމިއްލަ އެދުން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް ފާޑުވިދާޅުވެއްޖެ އެވެ.

ދޮޅު އަހަރު ފަހުން ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ގާސިމް ވަނީ ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ކަމަށް ބުނާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ރައީސް ނަޝީދަށް ވަފާތެރި މެންބަރުން ޕެޓިޝަނެއް ހަދަމުންދާ ދިއުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ރައްޔިތުންގެ ވަރަށް ބޮޑު އަގުލަބިއްޔަތަކުން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން ދެން އެ ނިންމުމާއި ކުޅެން ނުހެއްދެވުމަށް ގާސިމް ގޮވާލެއްވިއެވެ. ގާސިމް ވިދާޅުވީ ބަރުލަމާނީއަކީ ހެޔޮވެރިކަމުގެ ނިޒާމެއް ކަމަށް ބުނެ ބަޔަކު ފަތުރަމުންދާ "ދަންތުރަ"އިގައި ޖެހެން ހެޔޮނުވާނެ އެވެ. އެ ނިޒާމަކީ އިނގިރޭސިންގެ ނުފޫޒުގައި އިންދާފައިވާ އޮށެއް ކަމަށާ އެއީ ގައުމުތައް ފަސާދަ ކުރުމުގެ ނިޒާމެއް ކަމަށްވެސް ވިދާޅުވިއެވެ.

"މެޖޯރިޓީ ޕާލިމަންޓްގައި ދިޔައީ އެ ވެއްޓުނީ. އަނެއްކާ އަނެއް ދުވަހު އަނެކަކު އިންނާނެ. ދެން ހަމަނުޖެހިގެން ތަޅާފޮޅާ މި ހުރިހާ ކަމެއް ހިނގާނެ. މިއީ މި ގައުމުގައި އަޅުގަނޑުމެން އެކްސްޕީރިއަންސް ކޮށްފައި ނެތް ކަމެއް ނޫނޭ. އިހަކަށް ދުވަހު އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެމަނިކުފާނު ކަންތައްތައް ކުރެއްވިގެން ކޮބައިތޯ. އެކަމުންވީ ފައިދާއެއްތޯވީ ގެއްލުމެއްތޯވީ،"

ގާސިމް ވިދާޅުވީ ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ފިކުރުކޮށްލުމުންވެސް ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ބާރު އެންމެ ރަނގަޅަށް އޮތް ނިޒާމުކަން އެނގޭނެ ކަމަށެވެ. އެ ނިޒާމުގައި ފަސް އަހަރުން އެއް ފަހަރު ނަމަވެސް ރައީސާއި ނާއިބު ރައީސް ރައްޔިތުންގެ ކައިރިއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށާ އަދި މަޖިލީހުގެ އިންތިހާބުގައި މެންބަރުންވެސް ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށެވެ. ނަމަވެސް ބަރުލަމާނީއެއްގައި އެ މެންބަރު އިންތިހާބުވާ ދާއިރާއެެއްގެ މެޖޯރިޓީ ރައްޔިތުންނަށް ކޮންމެވެސް ކަމެއް ކޮށްދީ ގޮނޑިއަށް އިންތިހާބުގެ ބޮޑުވަޒީރަކަށް ވެވަޑައިގަތުމުން ދެން ރައްޔިތުންގެ ކައިރިއަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

"ރައްޔިތުންގެ ހާލު ބަލަން ލާޒިމުކުރާނެ ނިޒާމަކީ ރިޔާސީ ނިޒާމެއް. އެހެންވީމަ ދިވެހިރައްޔިތުން ހެޔޮވެސް ނުވާނެ އެނގޭތޯ މިބަޔަކު ނިކުމެ މިފަތުރާ ދަަންތުރައިގައި ޖެހެން،" ގާސިމް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކުރަން ފަށާފައިވާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކޮށް ދެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.