ވިޔަފާރި

ތިލަފުށީ ވިޔަފާރި ބަނދަރު މިފަހަރު ފިލިޕީންސް ކުންފުންޏަކަށް

Nov 25, 2015
2

ތިލަފުށީގައި ވިޔަފާރި ބަނދަރު ހެދުމަށް އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅީ ފިލިޕީންސްގެ ކުންފުންޏަކުން ކަމަށް ސަރުކާރުން ބުނެފި އެވެ.

އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ ދުބާއީގެ ޑީޕީ ވޯލްޑާ އެކު ބަނދަރު ހެދުމަށް ސޮއި ކުރި އެމްއޯޔޫގެ ދަށުން އެ ކުންފުންޏާ އެކު މަޝްވަރާ ކުރި ނަމަވެސް ރާއްޖެއަށް އެންމެ ފައިދާ ހުރި އެއްބަސްވުމަކަށް ނާދެވުނު ކަމަށެވެ. އެހެންވެ އެ ކުންފުންޏާ އެކު ކުރިއަށް ނުދާން ނިންމީ ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ކަމުން އެ އެމްއޯޔޫ މިހާރު ވަނީ ބާތިލްވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެއަށް ފަހު ދެން ބަނދަރެއް ހަދަން ޝައުގުވެރިވީ ކޮން ކުންފުނިތަކެއްތޯ ކައުންސިލްގެ ފަރާތުން ވަނީ ބަލައިފަ އެވެ. އެ ފުރުސަތުގައި ޖުމްލަ ތިން ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހެޅި އެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް އޮތީ ފިލިޕީންސްގެ ކުންފުންޏަކުން ކަން ފާހަގަ ކުރެއްވި އެވެ. ނަމަވެސް ތަފްސީލެއް ނުދެއްވި އެވެ.

ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރަން ޑީޕީ ވޯލްޑުން ހުށަހެޅި ނަމަވެސް، ސަރުކާރުން ވަނީ އެމްޕީއެލްގައި ތިބި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަތްކެއް ނުކުރަން ހުށަހަޅައިފަ އެވެ. އަދި އިތުރު ދިވެހި މުވައްޒަފުން ވަޒީފާތަކަށް ނެގުމާއި އެ މަޝްރޫއަކީ އެމްޕީއެލްއާ ޖޮއިންޓް ވެންޗާއެއްގެ ދަށުން ހިންގާ މަޝްރޫއަކަށް ހެދުމަށް ހުށަހެޅި އެވެ.