ވިޔަފާރި

50 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ރައީސް އިފްތިތާހު ކޮށްދެއްވައިފި

Nov 25, 2015
6

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 50 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް މިރޭ ރައީސް އަބްދުﷲ ޔާމީން މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.

ކުދި އަދި މެދުފަންތިގެ ވިޔަފާރި ތަރައްގީ ކުރުމުގެ ގާނޫނުގެ ދަށުން މި ލޯން ސްކީމް އިފްތިތާހު ކޮށްދެއްވީ، މިރޭ ތަރުބާރު ގޭގައި ބޭއްވި އިކޮނޮމިކް ޑައިލޮގް ވިތް ޕްރެސިޑެންޓް ހަފްލާގެ ތެރެއިންނެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވީ މި ލޯން ސްކީމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަކޮށް ތައާރަފް ކުރި ސްކީމެއް ކަމަށެވެ. އަދި މިފަދަ ސްކީމްތަކުގެ ސަބަބުން ވިޔަފާރިތަކަށް އެހީތެރިކަމެއް ލިބިގެން އަންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ކުދި ވިޔަފާރިތައް ކުރިއަރުވައިގެން އިގްތިސާދު ފުޅާކުރަން ވިސްނާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މި ސްކީމް ހިންގާނީ ލުއި ލޯނު ސްކީމެއްގެ ގޮތުގައި ކަމަށެވެ. އަދި މި ސްކީމްގެ ދަށުން ލޯނު ދޫކުރާނެ ދާއިރާތަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

ސަރުކާރުން ދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަކޮށްގެން ފައިނޭންޝަލް ގިނަ އިންސްޓްރޫމަންޓްތަކެއް ދޫކުރަމުންނެވެ. އެގޮތުން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ގެޓްސެޓްގެ ނަމުގައި ލޯނު ސްކީމެއް ފަރުމާކޮށް މި ސްކީމުން 72 ފަރާތަކަށް 20 މިލިއަން ރުފިޔާގެ ދޫކޮށްފައިވެ އެވެ. މީގެ އިތުރުން އިސްލާމިކް ކްރެޑިޓް ސްކީމެއް ތައާރަފުކޮށް 30 މިލިއަން ރުފިޔާގެ ކްރެޑިޓް ފެސިލިޓީއެއް ދޫކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ.