ރެއާލް މެޑްރިޑް

ރެއާލުން ކަމަވިންގާ ހޯދަން މަސައްކަތް ކުރަނީ

ރެއާލް މެޑްރިޑުން ފްރާންސްގެ ޒުވާން މިޑްފީލްޑަރު އެކުއާޑޯ ކަމަވިންގާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މިހާރު ރެއާލުން އަންނަނީ ލީގު 1 ގެ ރެނެސްއަށް ކުޅެމުން އަންނަ ކަމަވިންގާ ހޯދުމަށް އެޓީމާއެކު ކުރަންޖެހޭ އެންމެ ފަހުގެ މަޝްވަރާތައް ކުރަމުންނެވެ.

އުމުރުން 18 އަހަރުގެ ކަމަވިންގާ އާއެކު ރެނެސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަނ އަހަރުގަ އެވެ. ކަމަވިންގާ އަކީ މިހާރު ބޮޑެތި ކްލަބުތަކެއްގެ ރާޑަރަށް އަރާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ޕީއެސްޖީ އަދި މެންޗެސްޓާ ޔުނައިޓެޑުން ވެސް ކަމަވިންގާ ހޯދަން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އޭނާ ދާނީ ރެއާލް އަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ރެއާލުން އޭނާ ގަންނާނީ 30 މިލިއަން ޔޫރޯގެ އަގަކަށެވެ.

ފްރާންސްގެ ރިޕޯޓުތައް ބުނާ ގޮތުން މިހާރު ދެ ޓީމުގެ ދޭތެރޭގައި ހުރިހާ އެއްބަސްވުމެއް ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. ދެން އޮންނާނީ ކަމަވިންގާގެ މެޑިކަލް ހެދުމެވެ. ނަމަވެސް ސްޕެއިންގެ ރިޕޯޓުތައް ބުނާގޮތުން އަދި މިއީ ޔަގީން ޑީލެއް ނޫނެވެ. ރެއާލުން އަދިވެސް މަސައްކަތް ކުރަމުން އަންނަނީ އެމްބާޕޭ ހޯދާށެވެ. ނަމަވެސް ރެއާާލުން ހުށަހެޅި ދެވަނަ ބިޑަށް ވެސް ޕީއެސްޖީން ވަނީ ނޫނެކޭ ބުނެފަ އެވެ.