ދިވެހި ސިނަމާ

ނިއުމާ އާއި ސުނީތާ: މިހާރު ސަޕޯޓްކުރަނީ ކާކަށް؟

ބަތަލާ ނިއުމާ މުހައްމަދު ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ސުނީތާ އަލީ، ލަދުކަނޑާލާފައި ސްޓޭޖަށް އަރައި ނަށަން ފެށިތާ ވެސް މިހާރު 20 އަހަރުވީ އެވެ.

މުނިފޫހިފިލުވުމާ ގުޅޭ ވާހަކައެއް ލިޔާއިރު މި ދެ ފަންނާނުންގެ ނަމާ ނުލައި ކުރިއަށް ދާން އުނދަގޫވާ އެއް ސަބަބަކީ މިއީ އެވެ. އަނެއް ސަބަބަކީ މި ފަހުން މި ދެ މީހުންގެ މެދުގައި ހިނގި "ހަސަދައިގެ" ވަރުގަދަ ކުރިމަތިލުމެވެ. އަދި ނިއުމާ އާއި ފިލްމީ ދާއިރާގެ އެހެން ތަރިންތަކެއް ސުނީތާއާ ދިމާލަށް ހަޔާތަށް ގޮވި އޯޑިއޯ ލީކާ އެކު ނިއުމާގެ މަގްބޫލުކަން އާދަޔާހިލާފު މިންވަރަކަށް ދަށްވެ، ހަމަ މި ލީކާ ގުޅިގެން ސުނީތާގެ އަގު އިންތިހާ އަށް މި ރާއްޖޭގައި އަރައިގެން ގޮސްފައިވީމަ އެވެ.

އެ އޯޑިއޯ ލީކު އަޑުއެހި މީހުން ބުނަނީ ނިއުމާ އާއި ފިލްމީ ދާއިރާގެ އެހެން މީހުން ވެސް ސުނީތާއާ ދިމާލަށް ހެއްދެވި ނެހެއްދެވި އަށް ގޮވާލާފައި ވަނީ ސުނީތާ މިފަހުން ހޯދަމުން އަންނަ މަޝްހޫރުކަމާއި މަގްބޫލުކަން ރަނގަޅަށް ހަޖަމުނުވެގެން ކަމަށެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، ސުނީތާ ވަނީ ނެށުންތެރިއެއްގެ ގޮތުގައި ލިބުނު މަޝްހޫރު ކަމަށް ވުރެ ބޮޑު މަޝްހޫރުކަމެއް، ބޮލީވުޑްގެ ބަތަލާ ޕްރިޔާންކާ ޗޯޕްރާ އަށް ސަޕޯޓްކޮށްގެން ހޯދައިފަ އެވެ.

އަދި އެންމެފަހުން ޕްރިޔާންކާއާ ބައްދަލުކުރުމުގެ ފުރުސަތު ސުނީތާ އަށް ލިބި، ޕްރިޔާންކާގެ ހާއްސަ އެވޯޑެއް ސުނީތާ އަށް ލިބި މި ސިލްސިލާ ނިމުމަކަށް އައިއިރު ސުނީތާ ދެކެ ކުރިން ފޫހިވި އަދި ނިއުމާގެ ސަޕޯޓަރުންގެ ގޮތުގައި ތިބި އެތައް ދިވެހިންގެ ހިތްތައް ވެސް ސުނީތާ ވަނީ އަތުލައިފަ އެވެ.

ޔަގީނަށް ވެސް ސުނީތާ އަކީ މުނިފޫހިފިލުވުމުގެ ދާއިރާ އަށް، އެކަނި މާ އެކަނި އިންގިލާބެއް ގެނައި ފަރާތެކެވެ. ރާއްޖޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓެއް އެކުލަވައިލިވިޔަސް ސުނީތާގެ ނަން އެ ލިސްޓްގެ ގަދަ ފަހެކަށް މިހާރު އަރާނެކަން ޔަގީނެވެ.

ސްޓޭޖަށް އަރައި މިހާރު ކޮން ފަދަ ވައްތަރެއް ޖައްސަން ކެރުނަސް ސުނީތާ އަކީ އެންމެ ކުރިން ވަރަށް ވެސް ލަދުރަކި އަންހެނެކެވެ. އާންމުންގެ ތެރެއަށް ނުކުމެ އޭނާ ފުރަތަމަ ނެށީ 1995 ވަނަ އަހަރުގެ ގެލެކްސީ ޝޯގެ ތެރެއިންނެވެ. އޭނާ ބުނީ ލަދުކަނޑާލާފައި ސްޓޭޖަށް އެރީ، ލަވައަކަށް ނަށާލާނެ ކުއްޖަކު ނުލިބިގެން މީހަކު އާދޭސްކުރުމުންނެވެ.

އެހިސާބުން، ނެށުންތެރިޔާ ސުނީތާ އަލީ އުފެދުނީ އެވެ. ދެން އޭނާ މަޝްހޫރުކަން ހޯދީ އޭރުގެ ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔައ "ހަފުތާ ނިންމާ" ޝޯތަކުންނެވެ. ބައެއް މީހުން އޭނާ އަށް ދައުވަތު ދީގެން ރަށްތަކަށް ގެންގޮސް ގެން ވެސް ނެއްޓުވި އެވެ.

އޭނާ ބުނީ އާމްދަނީއެއް ލިބޭ މަސައްކަތަކަށް، ހަޔާތުގައި މި ނޫން އެހެން ކަމެއް ނުކުރާ ކަމަށެވެ. "ހަފުތާ ނިންމާ" ޝޯތަކުގައި އޭނާ އޭރު ޕާފޯމްކޮށް ދިނީ މަހެއްގެ މައްޗަށް 3000ރ. އަށެވެ. މިހާރު އެންމެ ޝޯއަކުން ވެސް އޭނާ އެއަށް ވުރެ ގިނައިން އެބަ ނަގަ އެވެ.

އަދި އޭރުގެ ބައެއް މަސް މަހުގައި އާމްދަނީއަކަށް 250ރ. ޖެހުނު ދުވަސްތަކެއް ދިޔަ ކަމަށް ވެސް ސުނީތާ ބުންޏެވެ. އޭނާގެ "ހިތް ދީވާނާ ކަލެކްޝަން" ގެ ދެ ސީޑީ ވިއްކާލައިގެން މިހާރު އޭނާ އަށް މި އަށް ވުރެ ބޮޑު އަދަދެއް ޖެހެ އެވެ.

މިއީ ސުނީތާގެ ކެރިއަރުގެ ފެށިގެން އައިސް މައްޗަށް އަރައިގެން ގޮސްފައިވާ ހިސާބެވެ.

ވާދޫ އަށް އުފަން ނިއުމާ މާލެ އައީ ގާތްގަނޑަކަށް ފަސް އަހަރުގަ އެވެ. މާފަންނު މަދަރުސާ އާއި އީޕީއެސްއެސް އިން ކިޔެވުމަށް ފަހު، އެންމެ ފުރަތަމަ ވަޒީފާ އަށް ނުކުތީ ވިލިމާލޭގެ އޮފީހަށެވެ. އެއީ 1993 ވަނަ އަހަރެވެ.

އެއަށް ފަހު ޖެހިގެން އައި އަހަރު އޭނާ ވަޒީފާ އަދާކުރަން ފެށީ މާލޭގެ ޓެކްސީ ސެންޓަރެއްގަ އެވެ.

އެތަނުގައި ގާތްގަނޑަކަށް ހަތް މަސްވީ ތަނުން އޭނާ އަށް ގުޅަނީ މަރިޔަމް ޝައުގީ ނަމަކަށް ކިޔާ މީހެކެވެ. ނިއުމާގެ އަޑު ރީތިވެގެން، އެކްޓްކުރުގެ ފުރުސަތު ނިއުމާ އަށް ހޯދައި ދިނުމަށެވެ.

ޝައުގީ ހުޅުވާލި ދޮރުން ވަދެގެން ގޮސް ނިއުމާ ކެމެރާއެއްގެ ކުރިމަތީގައި ހުއްޓުނުއިރު 17 އަހަރެވެ. އެންމެ ފުރަތަމަ އެކްޓްކުރީ "ހިތި ތަޖުރިބާ" ނަމަކަށް ކިޔާ ޑްރާމާއެއްގަ އެވެ. 

އޭނާގެ ބޮޑު ސްކްރީން ކެރިއަރު ފެއްޓީ 1995 ވަނަ އަހަރު ނެރުނު ދިވެހި ފިލްމު "ހަގު އަނބި" އިންނެވެ. ނަމަވެސް އޭނާ ކުޅުނު ފުރަތަމަ ފިލްމަކީ "ބަދަލް" އެވެ.

މި ތަޖުރިބާތަކަށް ފަހު ނިއުމާ، ރާއްޖެ އަށް މަޝްހޫރުކޮށްލަދިން ފިލްމަކީ "ފަތިސްހަނދުވަރު" އެވެ. އެއީ 1998 ވަނަ އަހަރެވެ.

ނިއުމާ މުހައްމަދަކީ ރާއްޖޭގައި ފިލްމުތަކަށް ހާއްސަކޮށްގެން ބޭއްވި ހުރިހާ އެވޯޑް ހަފުލާތަކެއްގައި ރަން ވަނަ ހާސިލުކޮށްފައިވާ ބަތަލާއެކެވެ. އެންމެ މޮޅު ބަތަލާގެ އިތުރުން އޭނާ ވަނީ މޯލްޑިވްސް ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ހާސިލުކޮށްފަ އެވެ.

ނިއުމާ ފިލްމެއް ކުޅެދޭ އާންމު އަގަކީ 30،000ރ. އެވެ. އެކްޓަރެއްގެ ގޮތުގައި އޭނާ އަށް އެންމެ ފުރަތަމަ ލިބުނީ 3000ރ. އެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ބަތަލާގެ އެކްޓިން ކެރިއަރު ގާތްގަނޑަކަށް ނިމުމަކަށް އަންނަނީ އެވެ. މިހާރު އޭނާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ހަންގަނޑު ހުދުވުމެވެ. އެހެންވެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް ނިއުމާ އަކީ އެންމެ ފުރަތަމަ ހޮވުމަށް ނުވުމުގެ ފުރުސަތު ބޮޑެވެ.

ނިއުމާގެ އަމިއްލަ ބާރު ނެތް ކަމެއްގައި ކެރިއަރަށް ހުރަސްތަކެއް އެބަހުއްޓެވެ. އެކަމާ ނިއުމާ ކުރާނެ އެއްވެސް ކަމެއް ނެތެވެ. އެކަމަކު ނިއުމާ އާއި މުޅި ފިލްމީ ދާއިރާގައި ވެސް އަހުލާގުގެ މައްސަލަ އުޅެ އެވެ. އެންމެފަހުން ސުނީތާއާ ދިމާލަށް ހުތުރު އެއްޗެހި ގޮވާ އޯޑިއޯ ލީކަކީ ނިއުމާގެ ބަދު ނަސީބެވެ.

މި ލީކާ އެކު ނިއުމާގެ މަގްބޫލުކަން ވެއްޓިފައި ވިޔަސް މިހާ ހިސާބަށް ވެސް އޭނާ އަކީ އެއް ވަނަ ބަތަލާ އެވެ. މި ހުރިހާ ކަމަކާ އެކު ވެސް ފިލްމީ ދާއިރާ އިން ނިއުމާގެ މައްޗަށް ކުރި ހޯދުނުނު ބަތަލާއަކު ހަގީގަތުގައި ނެތެވެ.

އެހެންވީމަ ނިއުމާ ވެއްޓުން މި އައީ ނިއުމާ އަށް އެޅުނު ބޮޑު ޅައެއްޗަކުންނެވެ. އަދި ކެރިއަރުގެ "ރަން ދުވަސްވަރު" އޭރުގެ ލޯބިވެރިޔާ އަދި އެކްޓަރު އަލީ ސީޒަންއާ އެކު "ބަސްޓް" ވުމަކީ ވެސް ނިއުމާގެ ބަދު ނަސީބު ކެރިއަރަށް އިތުރުވި ބޮޅެކެވެ.

ފާހަގަކޮށްލަން ޖެހެނީ ނިއުމާގެ ޒާތީ ދިރިއުޅުމުގެ މި ހުރިހާ ލައްތަކާ އެކު ވެސް ފިލްމީ ދާއިރާގެ އެއް ވަނަ ބަތަލާގެ ގޮތުގައި އޭނާ ދެމިހުރި ކަމެވެ. އޭނާގެ ސަޕޯޓަރުންގެ ވަފާތެރިކަން ވެސް ގެއްލިގެން ގޮސްފައި ނުވާ ކަމެވެ.

ނަމަވެސް މިފަހުން ލީކުވި އޯޑިއޯއާ އެކު ނިއުމާ މަތިން ހަމަ އަސްލަށް ވެސް ވަރަށް ގިނަ ބަޔަކު ފޫހިވެއްޖެ އެވެ. ސަބަބަކީ ފިލްމީ ދާއިރާ އިން އެންމެ ބޮޑަށް ނަމޫނާ ދައްކަން ޖެހޭ މީހާ ކަމުގައިވެ ހުރެ ނިއުމާގެ ފަރާތުން މުޅިން އެހެން ސިފައެއް ފެނުނީމަ އެވެ.

އަދި ސުނީތާ ދެކެ ވީ ފޫހި ގިނަ މީހުން މިހާރު ބަންޑުން ކުރަނީ ވެސް ނިއުމާގެ އުނގަށެވެ.ނިއުމާގެ މަޝްހޫރުކަމާއި މަގްބޫލުކަން "ހަތިހަތިކޮށްލީ" ސުނީތާ އާއި ޕްރިޔާންކާގެ ސިލްސިލާ އެވެ. 

މި އޮތް ހާ ދުވަހު އެހެން އެއްވެސް ބަތަލާއަކަށް ކުރި ނުހޯދުނު ނިއުމާގެ މައްޗަށް، ފިލްމީ ދާއިރާގެ ހަވާސާގައި އެނބުރުނު ނަށާ އަންހެނަކު ކުރި ހޯދީ އެވެ. ގިނަ މީހުން ބުނަނީ "ސުނީތާއާ ބެހުމަކީ" ނިއުމާ ހެދި އެންމެ ބޮޑު ގޯސް ކަމަށެވެ. އާންމުން ސުނީތާ އަށް ކިތަންމެ މަލާމާތެއް ކުރިޔަސް، ނަމޫނާ ދައްކަން ތިބޭ ބަތަލާއިން އެ ހަސައިދައިގެ އަލިފާންގަނޑަށް ފުންމާލައިގެން ނުވާނެ އެވެ.

ކޮންމެއަކަސް ދެން، ކުރާނެ ކަމެއް ނެތެވެ. ނިއުމާގެ ކެރިއަރު އަނދައި އަޅިއަށްވީ އެވެ. އެންމެންގެ އަނގަ މަތީގައި އަތް އެޅުމަށް ފަހު ރޮކެޓެއް ހެން ސުނީތާ އަރައިގެން ދިޔައީ އެވެ.

މި ޑްރާމާއަކާ ޖެހިގެން ގޮސް ސުނީތާގެ އަގު ވެސް އަރައިފި އެވެ. ވެޑިން ޕާޓީތަކުގައި ޕާފޯމްކުރުވުމަށް ވެސް މީހުން މިހާރު އޭނާ ގެންދަނީ އެވެ. ކުރިން 3000ރ. އަށް ނެށި ސުނީތާ މިހާރު ނަށަނީ 5000ރ. އަށެވެ. މިދިޔަ މަހު އެކަނި ވެސް، ނަށައިގެން އޭނާ އަށް 300،000ރ. ލިބުނެވެ.

އަދި އޭނާގެ އަމާޒު މިހާރު ހިފާފައި ވަނީ ހަމައެކަނި ނެށުމަކަށް ވެސް ނޫނެވެ. ސޯލޯ ލަވަ އަލްބަމެއް ނެރުމުގެ ވިސްނުން ވެސް އެބަހުއްޓެވެ. އަދި ފިލްމު ކުޅެ ފިލްމެއް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރުމުގެ ވިސްނުން ވެސް އޭނާގެ އެބަހުއްޓެވެ.

އެހެންވީމަ ދެން ވިދާޅުވާށެވެ. ދެ މީހުންގެ ތެރެއިން އެންމެ ބޮޑު ފިލާވަޅެއް ނަގައި ދިނީ ކާކުގެ ވާހަކަ ހެއްޔެވެ؟