ކޮވިޑް ވެކްސިން

ދަރިވަރުންގެ ބެލެނިވެރިންނަށް ގްރީން ކާޑު ދޫކުރަން ފަށައިފި

ސްކޫލުތަކުގެ ބެެލެނިވެރިން ކޮވިޑް ވެކްސިން ފުރިހަމަކުރުމުން ދޫކުރަން ނިންމާފައިވާ ގްރީން ކާޑުތައް ދޫކުރަން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ ގްރީން ކާޑު ބެލެނިވެރިންނަށް މިއަދު ދޫކުރަން ފަށައިފައިވާ ކަމަށާއި އަދި އަންނަ ހަފްތާގައި ކާޑުތައް ދޫކޮށް ނިމޭނެ ކަމަށް ބެލެވޭ ކަމަށެެވެ.

ގްރީން ކާޑު ދޫކުރަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދޫކުރާ ވެކްސިން ކާޑު ސްކޫލުތަކަށް ހުށަހެޅުމުންނެވެ.

ސްކޫލުތަކުގެ ބެެލެނިވެރިންނަށް ގްރީން ކާޑު ދޫކުރަން ފެށިއިރު މާދަމާއިން ފެށިގެން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ އެއްވެސް ފަރާތަކަށް ސްކޫލުތަކުގެ ގޯތި ތެރެއިން ވަނުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާާތީ ބައެއް ޓީޗަރުން އެ މީހުންގެ މަގާމުގެ މަސްއޫލިއްޔަތުތަކުންވެސް މީގެ ކުރިން އެކެހެރިކޮށްފައިވެ އެވެ.

ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސްކޫލުތަކުގައި މިހާރު ދަނީ ކޮވިޑް ވެކްސިންވެސް ދެމުންނެވެ. އެގޮތުން ސްކޫލުތަކުގެ 12 އަހަރާއި 17 އަހަރާއި ދެމެދުގެ 32،000 އަށް ވުރެ ގިނަ ދަރިވަރުންނަށް މިހާރު ވަނީ ފައިޒާ ވެކްސިން ދީފަ އެވެ.