އިސްލާމިކް މިނިސްޓްރީ

މުދަލު ޒަކާތުގެ ނިސޯބު ކަނޑައަޅައިފި

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް އެ އަހަރަކު މުދަލު ޒަކާތް ވާޖިބުވާ ނިސޯބެއް ކަނޑައަޅަ އެވެ. މި އަހަރުގެ އޭޕްރީލް މަހު ފުރަތަމަ ކަނޑައެޅި ނިސޯބަކީ 6961.50ރ. އެވެ.

އިސްލާމިކު މިނިސްޓްރީން މިއަދު ބުނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ މިހާރުގެ ނިސޯބަކީ 6878.20 ރ. ކަމަށެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީން މިވަނީ ނިސޯބްގެ އަދަދު ދަށްކޮށްފަ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގެންފައިވަނީ 33.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި 44 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 8.3 މިލިއަން ރުފިޔާ ދެއްކިއިރު، 2019 އަހަރުގެ އޯގަސްޓް މަހު ދައްކާފައިވަނީ 9.5 މިލިއަން ރުފިޔާ އެވެ.

މީރާ އިން ވަނީ އެ އޮތޯރިޓީގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ވަނީ މުދަލު ޒަކާތް ބަލައިގަތުން މީރާ އަށް ބަދަލު ކޮށްފަ އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުލެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.