މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމަށް މއ. ޕެރިސް، މަރިޔަމް ޝަމްއާ އިސްމާއިލް މިއަދު އައްޔަން ކުރައްވައިފި އެވެ.
ޝަމްއާ ބެޗްލާ އޮފް ލޯ ހާސިލްކުރައްވާފައި ވަނީ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިންނެވެ. ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަމްއާ ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލީގަލް ކޮންސަލްޓަންޓުގެ މަގާމުގަ އެވެ. އޭގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަގާމާއި ސްޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ފުރުއްވާފައިވެ އެވެ.
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައަޅައި، އެ ހައްގުތައް ހިމާޔަތްކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ހިދުމަތެއްގައި ފުރިހަމަވާން ޖެހޭނެ ޝަރުތުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުތުތަކާއި ނުވަތަ މިންގަނޑުތަކާ ހިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ގާނޫނެވެ. އަދި ގާނޫނުގެ ދަށުން ކަނޑައަޅާ ކޮންސިއުމާ އޮމްބަޑްސްމަންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި މި ގާނޫނާއި ހިލާފުވެގެން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކުރުމާއި ގާނޫނާއި ހިލާފުވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅުއެޅުން ހިމެނެ އެވެ.