ފިއްލަދޫ

ދައްޕަރު އަތުލުމުން ޓްރާންސްޕޭރަންސީ ކަންބޮޑުވެއްޖެ

Sep 1, 2021
1

ހއ. ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި އޮތް ދައްޕަރު އެރަށުގެ އިގްތިސާސް އިން ވަކިކުރުމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާ އިން ބުނީ ފިއްލަދޫގެ ފަޅުތެރޭގައި އޮތް ދައްޕަރުން ނަފާ ހޯދުމަށް ފިއްލަދޫ ރައްޔިތުން ތައްޔާރުވަމުން ދަނިކޮށް އެއްވެސް މަޝްވަރާއެއް ނެތި ރަށް އަތުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޓްރާންސްޕޭރެންސީން ގަބޫލުކުރާ ފިއްލަދޫގެ އިހްތިސާސްގެ ދަށުން ދައްޕަރު ވަކިކޮށްފައިވަނީ ގަވާއިދާ ޚިލާފަށެވެ. އެހެންކަމުން މައްސަލަ ހައްލުކުރުމަށް ފިއްލަދޫގެ ރައްޔިތުންނާ މަޝްވަރާކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ސަރުކާރަށް ގޮވާލާފައިވެ އެވެ. މީގެއިތުރުން ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް އަމަލުކުރުމަށްވެސް އެދިފައިވެ އެވެ.

ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެ ރަށުގެ ރައްޔިތުން މިހާރު ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފަ އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރަން ފަށާފައިވާ ޕެޓިޝަނެކެވެ.

ރައްޔިތުންގެ ޕެޓިޝަންގައި ބުނެފައިވަނީ ދައްޕަރަކީ ޒަމާނުއްސުރެ ފިއްލަދޫ ރައްޔިތުންނަށް ނުހަނު ގިނަ ފައިދާތަކެއް ކުރަމުންދާ އަދި ފިއްލަދޫ ރަށު އޮފީހުން އެތައް ގޮތަކުން އާމްދަނީ ހޯދަމުން އައިސްފައިވާ ފިއްލަދޫއާ ގުޅިފައިވާ އެ ރަށުގެ ބައެއް ކަމަށެވެ. އަދި ރައްޕަރު އެއީ ފިއްލަދޫގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް ކަނޑައެޅުމަށް ފަހު ރައްޔިތުންނާއި އެއްވެސް މަޝްވަރާއެއް ނެތި ކުރީގެ ނިންމުމަށް ބަދަލު ގެނެސް އެ ރަށުގެ އިހުތިސާސުން ދައްޕަރު ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ރަށުގެ ރައްޔިތުން ބޭނުންވަނީ ފިއްލަދޫ އިހުތިސާސުގެ ތެރޭގައި ދައްޕަރު އޮވެގެން އެތަން ތަރައްގީކޮށް ސީދާ ރައްޔިތުންނަށް މަންފާ ލިބިގެން ދިއުމަށް ކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ. އެހެން ކަމުން ރައީސްގެ ނިންމެވުމުން މުރާޖައާކޮށްދެއްވާ ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސާސުގެ ތެރޭގައި ހިމަނައި ދިނުމަށް އެދިފައިވެއެވެ.

ދެހާސް ދިހަވަނަ އަހަރު ދައްޕަރަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެރަށުގައި ރިސޯޓެއް އެޅުމަށް ހަވާލު ކުރި އެވެ. ނަމަވެސް ފަހުން އެތަނުގައި ރިސޯޓް ގާއިމް ކުރުމުގެ މަޝްރޫއު ވަނީ ހުއްޓާލާފަ އެވެ. އޭގެ ފަހުން މާޗް 18، 2020 ގައި ރައީސް އިބްރާހިމް ސޯލިހު ވަނީ ފިއްލަދޫގެ އިހުތިސޯސުގެ ތެރޭގައި ދައްޕަރު ހިމަނާފަ އެވެ.

ނަމަވެސް ރައީސް ނެރުއްވި ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ދަށުން 2020 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަަނަ ދުވަހު އެކަށައެޅި ގަރާރަށް ބަދަލު ގެންނަން ޖެހިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑަައިގަންނަވާ ކަމަށެވެ. އެހެން ކަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ދައްޕަރު، އެ އިދާރާގެ އިހުތިސާސް އިން ވަކިކޮށްފައިވާ ކަމަށެވެ.