ރައީސް އޮފީސް

ރައްޔިތުންނާ ދެކޮޅަށް ދައްޕަރުގެ މަސައްކަތް ނުގެންދާނެ"

ހއ. ފިއްލަދޫ އިހުތިސާސްގެ ތެރެއިން ދައްޕަރު ވަކިކުރި ނަމަވެސް ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް އެ ރަށުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ދިއްފަރު މައްސަލައިގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ‏ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިއްލަދޫ ކައުންސިލްގެ ރައީސްއާ އިއްޔެވެސް، މިއަދުވެސް މިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ފިއްލަދޫ ކައުންސިލް އަދި ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށާއި ކައުންސިލް އަދި ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ސަރުކާރުން ކަންކަން ކުރިއަށް ނުގެންދާނެ ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.

ފިއްލަދޫއާ އެއްފަސްގަނޑެއްގައި އޮންނަ ދައްޕަރު އެ ރަށު ކައުންސިލުގެ އިހުތިސާސުން ވަކިކޮށް ރިސޯޓެއްގެ ގޮތުގައި ކަނޑައެޅީ، ސަރުކާރުން އަލަށް ފަށާ ސެކަންޑް ހޯމް ރެޒިޑެންސީ މަޝްރޫއަށެވެ. ސަރުކާރުގެ ވިސްނުމަކީ މި މަޝްރޫއުގެ ދަށުން ދައްޕަރުގައި ހޮލިޑޭ ހޯމްތަކެއް އެޅުމަށް ފަހު ބިދޭސީންނަށް ވިއްކުމެވެ.

އެކަމަކު އާ ލާމަރުކަޒީ ގާނޫނުގެ ދަށުން، ފިއްލަދޫ ރައްޔިތުން ދައްޕަރުން ނަފާ ހޯދުމަށް ތައްޔާރުވެފައި ތިއްބާ މަޝްވަރާ ކުރުމެއް ނެތި އެ ރަށުގެ އިހްތިސާސުން ދައްޕަރު ވަކި ކުރުމުން ރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.