ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކައުންސިލްތަކަށް ލޯން ނެގޭ އިސްލާހަށް އަމަލުކުރަން ފަށައިފި

Dec 13, 2021
2

ލޯކަލް ކައުންސިލްތަކުން ޒިންމާވާ ގޮތަށް ލޯން ނެގޭނެ ގޮތް ފަހިކުރުމަށްޓަކައި މާލިއްޔަތުގެ ގާނޫނަށް ރާއްޖެ މަޖިލީހުން އިސްލާހު ގެނައި ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިއިސްލާހް ހިމެނޭ ބިލަކީ މިދިޔަ ނޮވެންބަރު 29 ވަނަ ދުވަހު މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާގައި ފާސްކުރި ބިލެކެވެ.

މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ހުއްދަ އޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުމުގައި އަމަލުކުރަންވީ އުސޫލަށް އިސްލާހު ގެނެސްފައިވެ އެވެ. ކައުންސިލްތަކުން ދަރަންޏަށް ނަގާ ފައިސާ ނެގުމުގެ ހަމަތަކާއި އެކަމުގައި އަމަލުކުރުމުގެ އުސޫލުތައް ބިލްގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެސް ވެއެވެ. އަދި ކައުންސިލުގެ މުދާ ހުއްދަ ކުރެވިގެން ވިއްކުމާއި، އެއާމެދު އަމަލުކުރުމުގެ ހަމަތަކާއި، ކައުންސިލްތަކުން އަމިއްލަ ޖަމިއްޔާތަކަށާއި ޖަމާއަތްތަކަށް ދޭ އެހީ ދެވޭނެ ގޮތްތައް ވެސް އިސްލާހުގައި ބުނެދީފައިވެ އެވެ.

ލާމަރުކަޒީ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި، ވަކި ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާ ގޮތެއްގެ މަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެ ކަމަށް މާލިއްޔަތު ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެގޮތަށް ދޫކުރާ ފައިސާ އަނބުރާ ނުދައްކާނަމަ އެފަރާތަކަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ ފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެ ކަމުގައިވެސް އިސްލާހުގައިވެ އެވެ. އެގޮތަށް ލޯނު ދޫކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، ލޯނާ ގުޅޭ އެންމެހައި މައުލޫމާތު ފިނޭންސް މިނިސްޓްރީއާ ހިއްސާކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމަށް ވެސް އިސްލާހުތަކުގައި ކަނޑައަޅާފައިވެ އެވެ.

މާލިއްޔަތު ގާނޫނަށް ގެނެސްފައިވާ މި އިސްލާހުތަކާ ގުޅިގެން މާލިއްޔަތުގެ ގަވާއިދަށް ވެސް އިސްލާހު ތަކެއް ގެންނަން ޖެހެ އެވެ. އެގޮތުން އެ އިސްލާހުތައް ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ގެޒެޓް ކުރަންޖެހޭތީވެ އެ މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން ލޯކައުންސިލްތަކަށް އަމާޒުކޮށްގެން މާލިއްޔަތު ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކަށް މިއަދުން ފެށިގެން އަމުލުކުރާނެ އެވެ.