ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެލްޖީއޭގެ ބޯޑަށް އާ މެންބަރުން އައްޔަންކޮށްފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ދާދިފަހުން އެކުލަވާލި އާ ގާނުނުގެ ދަށުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީ)އޭ ގެ ބޯޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަލުން މެމްބަރުން އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނު 2020ގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އަލުން އެކުލަވާލައްވައި ބޯޑަށް މިއަދު ހަތް ބޭފުޅަކު އައްޔަންކުރައްވާފައިވާ ކަމަށެވެ.

އެލްޖީއޭގެ ބޯޑަށް މިއަދު އައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން ގާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަމަންޓް އޮތޯރިޓީއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރުގެ ގޮތުން އެލްޖީގެ ބޯޑުގެ ރައީސްކަމަށް އައްޔަންކުރައްވާފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މީގެ އިތުރުން އެލްޖީގެ ބޯޑަށް އައްޔަންކުރެއްވި ބޭފުޅުންނަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ޗީފް އެގްޒެކެޓިވް އޮފިސަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިހާބާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި ފާތިމަތު އަފްޝަން ލަތީފް އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާއާއި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަރީފުގެ އިތުރުން ނޭޝަނަލް ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާ އެވެ.

އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަން ކުރެއްވީ ކޮވިޑް-19 އާއި ގުޅިގެން އިންތިހާބު ފަސްކުރުމާ ގުޅިގެން މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު އިތުރު ކުރުމާ އެކު، އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން އަމަލު ކުރާނެ ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެގާނޫނުގެ ދަށުންނެވެ. މި ބަދަލާއެކު ކުރީގެ ބޯޑު ވަނީ އުވިފަ އެވެ.

އެލްޖީއޭ އަށް އާ ބޯޑެއް ރައީސް އުފެއްދެވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ވަގުތީ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ކުރީގެ ބޯޑު އުވޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވާތީ އެވެ. އާ ބޯޑު ދެމިއޮންނާނީ އާ ކައުންސިލަރުން މަގާމުގެ ހުވާ ކުރައްވަންދެނެވެ.