ގއ. ދާންދޫގައި ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅުންހުރި މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލައިގެ ތުހުމަތުގައި ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ތަހުގީގަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ.
އާސިފް މިއަދު ވަނީ ދާންދޫގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން ފުލުހުންނަށް ބަޔާނެއް ދެއްވާފަ އެވެ. އާސިފްގެ ވަކީލެއްގެ ގޮތުގައި ޕޮލިހަށް ވަޑައިގަތީ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަދި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ މުހުތާޒު މުހުސިން އެވެ.
ތަހުގީގަށްފަހު މުހުތާޒު ވިދާޅުވީ އާސިފް ދެއްވި ބަޔާނުގައި ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށް ވިދާޅުވި ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ އެއްވެސްކަމެއް ކުރައްވާފައި ނުވާނޭ ކަމަށް ތަހުގީގުގައި އާސިފް ވިދާޅުވި ކަމަށްވެސް މުހުތާޒު ވަނީ މައުލޫމާތު ދެއްވާފަ އެވެ.
އާސިފަށް ކުރާ ތުހުމަތާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިދިޔަ އޯގަސްޓް މަހުގެ 10 ދުވަހުގެ ރޭ އޭނާގެ ފޯން އަތުލާފަ އެވެ.
ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ބަލައި ފާސްކުރަން އުޅުނީ ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ އާއިލީ މީހެއްގެ ގެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އޮޕަރޭޝަންގެ މައުލޫމާތު ލީކް ކޮށްލުމާ ގުޅިގެން ފުލުހުންނަށް އެއްވެސް އެއްޗެއް ހޯދިފައެއް ނުވެ އެވެ.