މަސައްކަތްތެރިންނާ ގުޅޭ މައްސަލަތަކުގައި ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހިއްސާކުރައްވައިފި އެވެ.
މަސައްކަތެރިންނާ ގުޅޭ އެކި ޖަމިއްޔާ ޖަމާއަތްތައް ތަމްސީލުކުރުމަށް އެކުލަވާލައިފައިވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)ގެ ފަރާތުން މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވީ ރައީސް އޮފީހުގައި އިއްޔެ ރައީސް ސޯލިހާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މިބައްދަލުުވުމުގައި ވަނީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ދިމާވާ ގޮންޖެހުންތައް ރައީސްއާ ހިއްސާކުރައްވާ އެކަންކަމުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އެމްޓީޔޫސީގެ މެންބަރުން ވަނީ މަސްވެރިކަމާއި، ތައުލީމާއި، ސިއްހީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފަ އެެވެ. އެގޮތުން ހުރިހާ ބޭފުޅުން ވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއް ކަމަށްވާ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނު ވީހާވެސް އަވަހަށް ފާސްކޮށްދެއްވުމަށެވެ.
މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނެއް ރާއްޖޭގައި އޮތުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް ވާހަކަ ދައްކަވާފަ އެވެ. އަދި އިންޓަނޭޝަނަލް ލޭބާ ރިލޭޝަންސް (އައިއެލްއޯ)ގެ ފަންނީ ލަފަޔާއެކު 2013 ވަނަ އަހަރު އިންޑަސްޓްރިއަލް ރިލޭޝަންސް ބިލްގެ ޑްރާފްޓެއް އެކުލަވާލައިފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ. މަސައްކަތްތެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހައްލު ލިބެން އޮތީ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނަކަށް އަވަހަށް އަމަލުކުރެވިގެން ކަމަށްވެސް އެބޭފުޅުން ވިދާޅުވެފައި އެވެ.
އެމްޓީޔޫސީގެ މެންބަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ސޯލިހް ވަނީ ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެ ބިލަށް ގެންނަންޖެހޭ ބަދަލުތަކާއެކީ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ވަނީ ވަކި ވަކި ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިއްސާކުރައްވާފަ އެވެ.