ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އިންޑިއާ އަށް ނިސްބަތްކޮށް ކުޑައިމީސް ބަސް ބުނާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވަށްޓެރި ގައުމުތަކަށް ނިސްބަތްކޮށް ކުޑައިމީސް ބަސްތަކުން ވާހަކަ ދެއްކުމަކީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އިންޑިއާ އަކީ ޒަމާނުއްސުރެއް ރާއްޖެ އަށް އެންމެ އެހީތެރިވާ ގައުމު ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސުލްހަ ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް ކުޅޭ ގައުމަކީ ވެސް އިންޑިއާ ކަމުގައި ވިދާޅުވެފައިވެ އެވެ.
އިދިކޮޅު އެއްވުންތަކުގައި އިންޑިއާ އަށް ކުޑައިމީސް ކުރާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއިރު އެމަނިކުފާނު މީގެކުރިން ތަކުރާރުކޮށް ވަނީ ޗައިނާ އަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ޗައިނާއާ ގުޅޭ ގޮތުން އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރާއްޖޭގައި ހުންނެވި ޗައިނާގެ ކުރީގެ ސަފީރު ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ އެއްވުންތަކާއި ޖަލްސާތަކުގައި މި ފަހުން އިންޑިއާ އަށް ވަރަށް ގިނަ އިން ފާޑުކިޔަމުންދެ އެެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ގޮތަށް އަމަލުކުރާ ކަމަށްވެސް އިދިކޮޅު އެއްވުންތަކުގައި ތަކުރާރުކޮށް ތުހުމަތުކޮށްފައިވެ އެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި މިހާރު ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގައި ވެސް އިދިކޮޅު ބޭއްވުލުހބް އިސްދައުރެއް އަދާކުރައްވާ ކަން ފާހަގަކުރެވެ އެވެ.