ޕޮލިޓިކްސް

ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފި

May 31, 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ލިޔެފި އެވެ.

ފެހި ކުލައިގެ ސްޕްރޭ ބޭނުންކޮށްގެން ކެނެރީގޭ ފާރުގައި އިންޑިއާ އައުޓް ޖަހާފައިވީ ނަމަވެސް އެކަން ކުރި ބައެއް އަދި އެނގިފައެއް ނުވެ އެވެ. ސްޕްރޭކޮށްފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އޮފީސް ކަމަށް ލިޔެފައިވާ ބޯޑެއް ކައިރީގަ އެވެ.

މީގެ ކުރިން ވެސް "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅު ބޭފުޅުންގެ ގެކޮޅުގައި އިންޑިއާ އައުޓް ސްޕްރޭކޮށްފައިވެ އެވެ. އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެ ފާރުގައިވެސް ސްޕްރޭކޮށްފައިވެ އެވެ.

ކެނެރީގޭ ފާރުގައި އިންޑިއާ އައުޓް ޖަހާފައިވާއިރު ނަޝީދަކީ އެ ހަރަކާތާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުއްލަވާ އެއް ބޭފުޅެވެ. އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވާތީ އެ ހަރަކާތް ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރެއްގައި ދައުލަތުގެ އިދާރާތަކަށް ވަނީ އަމުރުކުރައްވާފަ އެވެ.

ރައީސްގެ އަމުރާ ގުޅިގެން ފުލުހުން ގެންދަނީ މާލެއާއި އަތޮޅު ތެރޭގައި އަމިއްލަ އިމާރާތްތަކުގައި ދަމާފައި ހުންނަ އިންޑިއާ އައުޓް ބެނާތައް ނެގުމަށްފަހު އެފަދަ ބެނާތައް ދަމާފައި ހުންނަ އިމާރާތްތަކުގެ ވެރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުވެސް ކުރަމުންނެވެ.

އެކަމަކު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބޮޑު ބެނާ ނަގަން ފުލުހުން ހ. ދޫވެއްސަށް ވަކީ ގާނޫނާ ހިލާފަށް ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުން ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.