ލައިފްސްޓައިލް

އަމިއްލަ ހަށިގަނޑުގެ ސިއްރުތައް އެނގެނީ ކިހާ ވަރަކަށް؟

Nov 27, 2015

ފަލަކޮށް ތިބޭ މީހުންގެ މެޓަބޮލިޒަމް (ހަށިގަނޑުގެ ދިރުމާއި ހިނގުމާ ގުޅިފައިވާ ހުރިހާ ކެމިކަލް ހަރަކާތްތަކެއް) ދަށްވާނެއޭ ބުނާ ވާހަކަ އަކީ ވަރަށް ގިނައިން އަޑު އިވޭ އާންމު ވާހަކަ އެކެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ އެއީ ކުށްހީއެކެވެ.

ފަލަކޮށް ތިބޭ މީހުންގެ މެޓަބޮލިޒަމް ހިކިކޮށް ތިބޭ މީހުންނަށް ވުރެ ވެސް މައްޗެވެ. ސަބަބަކީ އެމީހުންގެ ގައިގައި ޖަހާފައި ހުންނަ ސަރުބީ އަށް ވުރެ ބޮޑަށް ހަކަތަ ބޭނުންވާ މަސްތަކެއް ވެސް އެމީހުންގެ ގައިގައި ޖަހާފައި ހުންނާތީ އެވެ. ފަލަކޮށް ތިބޭ މީހުންގެ ހަށިގަނޑުގެ ސެލްސްތައް ވެސް އާދައިގެ މީހެއްގެ ސެލްސްތަކަށް ވުރެ ބޮޑުވާނެ އެވެ.

މީގެ އިތުރުން ހަށިގަނޑުގެ ހިނގުމާއި ދިރުމަށް އާދައިގެ މީހަކަށް ބޭނުންވާ ސެލްސްތަކަށް ވުރެ ގިނަ ސެލްސް ވެސް ބޭނުންވެ އެވެ.

ހަށިގަނޑުގައި ޖަހާފައި ހުންނަ މަހަކީ ފެޓަށް ވުރެ ތިން ގުނަ އިތުރަށް ހަކަތަ ބޭނުންވާ އެއްޗެކެވެ. ހިކި މީހާގެ ހަށިގަނޑުގެ ހިގުމަށްވުރެ ފަލަ މީހާގެ އެތެރެހަށީގެ މަސައްކަތް ހަލަބޮލިވެފައި އަވަސްވަނީ މި ހުރިހާ ސަބަބަކާ ވެސް ގުޅިގެންނެވެ.

ދެން މި އޮތީ ހަށިގަނޑުގެ ޝޭޕް ނުވަތަ ބައްޓަމުގެ ވާހަކަ އެވެ.

ބައެއް މީހުންނަކީ "އާފަލުގެ" ސިފަ ލިބިފައިވާ މީހުންނެވެ. އެމީހުންގެ ބަނޑުގައި ހުންނާނީ ނިކަން ގަދަ އަށް މަސްޖަހައިފަ އެވެ. ދެން އެންމެ އާންމު ބައްޓަމަކީ "ޕިއާ" ގެ ސިފަ އެވެ. މި ސިފައިގައި ތިބޭ އަންހެނުންގެ ބުޑު ނިކަން ބޮޑުވާނެ އެވެ. ހިޕްސް ނިކަން ފުޅާވާނެ އެވެ.

ސިއްހީ ގޮތުން މި ދެ ސިފަ އަށް ބަލައިލަމާ ހިނގާށެވެ. ކުރިން ގަބޫލުކުރެވިފައި އޮންނަ ގޮތުން "އާފަލު" ގެ ސިފަ ލިބިފައިވާ މީހުންނަށް ހިތުގެ ބައްޔާއި ހަކުރު ބަލީގެ ނުރައްކާ އޮވެ އެވެ. އަދި ފޫކޮޅަށް ބޮޑުކޮށް ތިބޭ މީހުންނަށް މި ނުރައްކާ ކުޑަ އެވެ.

އެހެން ނަމަވެސް ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ފަހުގެ ދިރާސާއަކުން އެނގިފައިވާ ގޮތުން ބުޑު ބޮޑުކޮށް ތިބޭ ނުވަތަ ހިމުން ތިރި އަށް ފަލަކޮށް ތިބޭ މީހުންނަށް ވެސް ހިތުގެ މައްސަލަ އާއި ހަކުރު ބަލީގެ ނުރައްކާ ވަކި ކުޑައެއް ނޫނެވެ.

ދެން އަނެއްކާވެސް އެހެން ވާހަކަ އެކެވެ. އެކަމަކު ހަމަ ބައްޓަމުގެ ވާހަކައެކެވެ.

ވަރަށް ގިނަ މީހުން، ހާއްސަކޮށް އަންހެނުންނަށް ވިސްނިފައި އޮންނަނީ އެމީހުންގެ ސިފައަކީ "އަވާގްލާސް-ޝޭޕް" ކަމަށެވެ. ނުވަތަ "ޕިއާ" ޝޭޕްގަ އެވެ.

އެކަމަކު މިއީ ވެސް ކުށްހީއެކެވެ. ދިރާސާތަކުން ދައްކާ ގޮތުން ގިނަ އަންހެނުންގެ ބައްޓަމަކީ "ރެކްޓޭންގަލް" ނުވަތަ ހަތަރެސްކަން ގޮޅިއެއްގެ ސިފަ އެވެ. އިނގިރޭސި ވިލާތުގައި މިފަހުން ކުރި ދިރާސާއަކުން ދެއްކި ގޮތުން އެ ދިރާސާގައި ބައިވެރިވި 63 ޕަސެންޓް މީހުންނަކީ ހަތަރެސްކަން ގޮޅީގެ ސިފަ އެވެ.

އެމީހުންގެ އުރަމައްޗާއި އުނަގަނޑާއި ކޮނޑުގައި މާ ބޮޑު ތަފާތެއް ނެތެވެ.

އަދި މި ދިރާސާއަކުން އެނގުނު ގޮތުން އަންހެނުން މުސްކުޅިވާ ވަރަކަށް އެމީހުންގެ ހަށިގަނޑުގެ ބައްޓަން ދާނީ ހަތަރެސްކަން ގޮޅިއަކަށް ބަދަލުވަމުންނެވެ.

ދެން މި އޮތީ މޭން ބޫބްސްގެ ވާހަކަ އެކެވެ. މޭން ބޫބްސް ނުވަތަ "އުރަމައްޗެއްގެ" ސިފަ ލިބިފައިވާ މޭމަތި ލިބިފައިވާ ފިރިހެނުންނާ މެދު ބައެއް މީހުން ގަބޫލުކުރަނީ މިހެންނެވެ. އެ ސިފަ އަކީ އެމީހުން ފަލަވުމުން ލިބިފައިވާ ސިފައެކެވެ.

އެކަމަކު އެހެނެއް ނޫނެވެ. މޭން ބޫބްސް އަކީ ހަމަ އަސްލު "އުރަމައްޗެކެވެ".

ފިރިހެނުންގެ މިގޮތަށް އުރަމަތިލަނީ އެމީހުންގެ ހަށިގަނޑުން އަންހެން ހޯމޯން އުފައްދާ މިންވަރު ބައެއް ފަހަރަށް އިތުރުވުމުންނެވެ. އެއި އެސްޓްރޮޖެން އެވެ. ފިރިހެނުންގެ ހޯމޯން އަކީ ޓެސްޓޮސްޓެރޯން އެވެ. މުސްކުޅިވާ ވަރަކަށް މި ހޯމޯން ދާނީ ފިރިހެނުންގެ ހަށިގަނޑުން މަދުވަމުންނެވެ.

ދެން އޮތް ވާހަކައަކުން ފަހަރެއްގައި ހިނި އަތުވެދާނެ އެވެ. އެކަމަކު ތަޖުރިބާކާރުން ބުނަނީ ފަލަ މީހުން "އެނދަށް ގަދަވާނެ" ކަމަށެވެ. މި ބުނި އެއްޗެއް އެނގިއްޖެއެއް ނޫން ހެއްޔެވެ؟ ގުޅުން ހިންގާ ވަގުތު ފަލަ ފިރިހެނުންގެ ބުންވަރު ހިފަހައްޓައިދޭ ސިއްރަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެމީހުންގެ ހަށިގަނޑުގައި ފިރިހެން ހޯމޯން، ޓެސްޓޮސްޓެރޯން މަދީ އެވެ.