ދައުލަތުގެ ދަރަނި

ދަރަނި މައިތިރި ކުރާނެ ސިޔާސަތެއް ކޮބާ؟

Sep 5, 2021
2

ކޮވިޑް-19 އާ ގުޅިގެން އިކޮނޮމީ ހީނަރުވެ ގައުމީ އުފެއްދުންތެރިކަން ބޮޑުތަނުން ދަށްވި އެވެ. މި ވަގުތު ދައުލަތް ހިންގައި ރައްޔިތުންނަށް ދޭ ހިދުމަތް ހުއްޓުނަ ނުދޭން ސަރުކާރަށް ކުރަން ޖެހުނު ކަމަކީ އެކި ގޮތްގޮތުން ލޯނު ނުވަތަ ދަރަނި ނެގުމެވެ. ނަތީޖާއަކީ ހަރަދު ކުޑަ ނުވިނަމަވެސް ލޯނުތަކުގެ ސަބަބުން ދަރަނި މަތިވެގެން ދިއުމެވެ. ދަރަނި މަތިވާ ވާހަކަ ބޮޑަށް ފެންމަތިވި މައިގަނޑު އެއް ސަބަބަކީ އާމްދަނީއަށް އައި ލޮޅުމާއެކު ދަރަންޏާއި ހަރަދުގެ ދެމެދުގައި އޮތް ފަރަގު ފުޅާވުމެވެ. އެހެންވެ ދަރަނި މިހާރު ވަނީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފަ އެވެ. މިހާރު ބައެއް އިގްތިސޯދީ މާހިރުންގެ އަންދާޒާއަކީ ސަރުކާރުން އެންމެ ފަހުން ވިއްކި ސްކޫކްއާއެކު ރާއްޖޭގެ ޖުމްލަ ދަރަނި މި އަހަރު 94 ބިލިއަން ރުފިޔާ އަށް އުފުލި، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 140 ޕަސެންޓުގެ ހިއްސާއެއް ކުރަން ފަށާނެ އެވެ.

ދަރަނި މަތިވާއިރު ދަރަނި "މައިތިރި" ކުރަން މަސައްކަތް ކުރެވޭ ހެއްޔެވެ؟ ދަރަނި މަތިވުން ހުއްޓުވަން ސިޔާސަތެއް އެބައޮތް ހެއްޔެވެ؟ ދަރަނި މަތިވުން ހުއްޓުވަން ތަސައްވުރެއް އެބައޮތް ހެއްޔެވެ؟ މި ތަސައްވުރުގައި ބުނަނީ ކީކޭ ހެއްޔެވެ؟

ދަރަނީގެ މައްސަލަ ބޮޑުވަމުންދާތީ ފިނޭންސް މިނިސްޓްރީން ވަނީ ކުރިއަށް އޮތް ތިން އަހަރު ދަރަނި ހުންނާނެ ގޮތާއި ދަރަނި ސާވިސް ކުރުމަށް ސްޓްރެޓަޖީއެއް އެކުލަވާލާފަ އެވެ. މި ސްޓްރެޓެޖީ ނުވަތަ ތަސައްވުރުގައި ރާއްޖޭގެ ދަރަނި ހުންނާނެ ވަރާއި ދަރަނި ނަގަމުންދާއިރު ކުރިމަތިވާނެ ގޮންޖެހުންތައްވެ އެވެ.

"މި ސްޓްރެޓަޖީގެ މައިގަނޑު މަގުސަދަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމުގައި މެދުރާސްތާ އަދި ދިގު ރާސްތާގައި ކުރިމަތިވެދާނެ ހުރަސްތަކަށް ބެލުމަށްފަހު އެންމެ ހަރަދު ކުޑަކޮށް ފައިސާ ހޯދުމެވެ. ހަމަމިއާއެކު މި ސްޓްރެޓެޖީގައި ރޭވިފައިވާ ކަންކަން މެދުވެރިކޮށް ރާއްޖޭގެ މާލީ ބާޒާރު ތަރައްގީ ކުރުމަކީ ވެސް އަމާޒެކެވެ،" ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ދަަރަނި މަތިވުން ހުއްޓުވަން ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީއެއް އެކުލަވާލުމަކީ ހެޔޮފާލެއްގެ ގޮތުގައި ބުނެވިދާނެ އެވެ. ދަރަނީގެ މި ތަސައްވުރުގައި ބުނަނީ ކީކޭ ހެއްޔެވެ؟ ރާއްޖޭގެ ދަރަނީގެ ޕޯޓްފޯލިއޯ އަށް އޮތް ހުރި ގޮންޖެހުން ތަކަކީ ކޮބައި ހެއްޔެވެ؟

މި ސްޓްރެޓަޖީގެ މައިގަނޑު މަގުސަދަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމުގައި މެދުރާސްތާ އަދި ދިގު ރާސްތާގައި ކުރިމަތިވެދާނެ ހުރަސްތަކަށް ބެލުމަށްފަހު އެންމެ ހަރަދު ކުޑަކޮށް ފައިސާ ހޯދުމަށް
ފިނޭންސް މިނިސްޓްރީ

ދަރަނީގެ ޕޯޓްފޯލިއޯގައި މި ވަގުތު މައިގަނޑު ހަތަރު ގޮންޖެހުމެއް ސަރުކާރުން ފާހަގަކޮށްފައިވެ އެވެ. މިގޮތުން ބޭރު ފައިސާގެ ދަރަނި މަތިވުމާއި އެސްޗޭންޖު ރޭޓަށް އަތުވެދާނެ ބަދަލެއްގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތައް އަދި އިންޓްރެސްޓް ރޭޓަށް އަތުވެދާނެ ބަދަލަކުން ކުރިމަތިވާނެ ރިސްކުތައް ހިމެނެ އެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ ޕޯޓްފޯލިއޯގެ 90 ޕަސެންޓު ހުރީ ފިކްސްޑް ކޮށްފަ އެވެ. އެހެންވެ އިންޓްރެސްޓް ރޭޓުގެ ރިސްކު ފެންނާނީ ކުޑަކޮށެވެ. ނަމަވެސް ސަރުކާރު ކުންފުނި ތަކަށް ނުވަތަ ސަރުކާރުން އަމިއްލަ ފަރާތް ތަކަަށް ދޭ ސޮވްރިން ގެރެންޓީގެ ވޯކް ނުކުރާ ހާލަތްތަކުގައި އެ އަނބުރާ ދައުލަތަށް ދައްކަން ޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެކަން ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. އެހެންވެ ސަރުކާރުން މިހާރު އަމިއްލަ ފަރާތްތަކަށް ސޮވްރިން ގެރެންޓީ ދޫކުރާ އުސޫލު ވެސް ވަނީ ބަދަލުކޮށްފަ އެވެ.

ދަރަނި ދަށް ކުރުމުގެ ޓާގެޓުތައް

  • ބޭރު ފައިސާގެ ދަރަނި ނުވަތަ ޖުމްލަ ދަރަނި 70 ޕަސެންޓަށްވުރެ މަތިވިޔަ ނުދިނުން
  • ވެއިޓެޓް އެވަރެޖް އިންޓްރެސްޓް ތިން ޕަސެންޓަށް ދަށް ކުރުމުން
  • އެވަރެޖް ޓައިމް ޓު މެޗޫރިޓީ، އަށް އަހަރަށް އިތުރު ކުރުން
  • އެއް އަހަރުތެރޭ ދައްކަން ޖެހޭ ދަރަނި ޖީޑީޕީގެ ނިސްބަތުން 30 ޕަސެންޓުގައި ހިފެހެއްޓުން

ދަރަނި މައިތިކޮށް މަތިވުން ހުއްުޓުވުމަށްޓަކައި ދަރަނި ތަންފީޒު ކުރާނެ ގޮތް ތަކެއް ވެސް މި ތަސައްވުރުގައި ބުނެދީފައިވެ އެވެ. މި ގޮތުން މެދުރާސްތާގައި ބޭރުން ނަގާ ދަރަނި 50 ޕަސެންޓުގައި ހިފެހެއްޓުމާއި ބޭރުގެ މާލީ ބާޒާރަށް ފަސް އަހަރާއި ހަތް އަހަރުގެ ބޮންޑު ވިއްކުން އަދި "ކޮންސެޝަނަލް ފައިނޭންސް" އިން ބަޖެޓަށް ފައިސާ ހޯދުމަށް އިސްކަން ދިނުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ދަރަނީގެ ޕޯޓްފޯލިއޯ ޑައިވާސިފައިކޮށް އިކޮވޭޓިވް ފައިނޭންސް އިންސްޓްރޫމަންޓްތައް ބޭނުންކުރުމާއި ރަށްވެހި ބާޒާރު ނުވަތަ އެތެރޭގެ ބާޒާރަށް ދިގު މުއްދަތުގެ ބޮންޑު ވިއްކުމުގެ އިތުރުން ޓްރެޒަރީ ބިލްގެ ޕޯޓްފޯލިއޯ ދިގު މުއްދަތުގެ ބޮންޑަށް ބަދަލު ކުރުން ވެސް ހިމެނެ އެވެ.

ނަގާ ފައިސާ އިން ކުރާނީ ކީއް؟

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދި ހީނަރުވުމުގެ ސަބަބުން މިދިޔަ އަހަރު ދަރަންޏަށް ނެގި ފައިސާގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ކޮވިޑް-19 ގެ ސަބަބުން ކުރަން ޖެހުނު ހަރަދު ތަކަށެވެ. މިހާތަނަށް ކުރި ހޭދަ ހަތަރު ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވެ އެވެ. ކުރިއަށް އޮތް ތިން އަހަރު ދަރަންޏަށް ފައިސާ ނަގައިގެން ހިންގާނެ ތަރައްގީގެ މަޝްރޫއު ތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި ތިލަމާލެ ބްރިޖު އަދި މާލެ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން ގުޅީފަޅު ހިއްކުމާއި ސޯޝަލް ހައުސިން މަޝްރޫއުތައް އަދި ސިއްހީ ދާއިރާ ރަނގަޅުކުރުން ހިމެނެ އެވެ.