ރާއްޖެއޮންލައިންގެ ފަރާތުން އެކުންފުނީގެ ގިގަފައި ހޯމް ފައިބާ އިންޓަނެޓް ޕެކޭޖްތަކަށް ބޮޑެތި އަޕްގްރޭޑްތަކެއް ގެންސްފި އެވެ.
އެގޮތުން ހުރިހާ ޕެކޭޖްތަކެއްގެ ޔޫޒޭޖް އެލަވަންސް އިތުރުކޮށްެ ސްޕީޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ބައެއް ޕެކޭޖްތަކުގެ ސްޕީޑް 100 ޕަސަންޓާއި ހަމައަށް ބޮޑުކުރެވި އަދި އެލަވަންސް ތައް 200 ޕަސަންޓާއި ހަމައަށް ވަނީ ބޮޑުކުރެވި އަޕްގްރޭޑްތަކެއް ގެނެސްފަ އެވެ.
"އަންލިމިޓެޑް 5އެމް" ޕެކޭޖުގައި ފަސް އެމްބީޕީއެސް އާއި ހަމައަށް އިންޓަނެޓް ސްޕީޑް އިތުރުކޮށްފައި ވާއިރު ކުރިއެކޭވެސް އެއްގޮތައް "ފެއާ ޔޫޒޭޖް" ނުވަތަ ޑާޓާ ލިމިޓެއް ނުހިމެނެ އެވެ. މި ޕެކޭޖަކީ ރާއްޖޭގެ މާކެޓުގައިވާ ހަމައެކަނި ހަގީގީ އަންލިމިޓެޑް އިންޓަނެޓް ޕްލޭނެވެ.
ގިގަފައި ޕެކޭޖުތަކަށް ގެނެވުނު މި ބަދަލުތަކާއި އެކު އާރުއޯއެލްއިން ވަނީ "ނައިޓް ބޭންޑުވިތު"ގެ ނަމުގައި އާ ހިދުމަތެއްވެސް ތައާރަފް ކޮށްފަ އެވެ. "ނައިޓް ބޭންޑްވިތު" ހިދުމަތަކީ ދަންވަރު 12:00 އިން ހެނދުނު 8:00 އަށް ސްޕީޑް އިތުރު ކޮށްދޭ ހިދުމަތެކެވެ. ބައެއް ޕެކޭޖު ތަކުގެ ސްޕީޑް ދެގުނަ އަށް އިތުރުވެ އެވެ.
ޕެކޭޖް ތަކަށް ގެނެވުނު މި ބަދަލުތަކާއި އެކު އާރުއޯއެލް އިން ވަނީ އެކުންފުނިން ފޯރުކޮށްދޭ ބައެއް ހިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އިންޓަނެޓުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ އިތުރުން ކަސްޓަމާ ސާވިސް އިތުރަށް ރަނގަޅު ކުރުމާއި އެކުންފުނީގެ "މައިއާރުއޯއެލް" ޕޯޓަލް ނުވަތަ ކަސްޓަމާ ޕޯޓަލް އަށް އާ ހިދުމަތްތަކެއް ތައާރަފް ކުރުން ހިމެނެ އެވެ.
މައިއާރުއޯއެލް ޕޯޓަލްގައި މިހާރު ބިލް ދެއްކުމުގެ ހިދުމަތް ކުރިއަށް ވުރެ ފަސޭހަވާނެ އެވެ. މިގޮތުން ފަސޭހައިން ބިލްތައް އޮންލައިންކޮށް ދައްކާލެވި، "ލައިވް ޔޫޒޭޖް" ބޭނުންކޮށްގެން އިންޓަނެޓް ޔޫޒޭޖް އަދި ސްޕީޑް ވަގުތުން ބަލާލެވެ އެވެ. އަދި ކުރިން ކަސްޓަމާ ސާވިސް އާއި ގުޅައިގެން ޓޮޕްއަޕް ކުރުމުގެ ހިދުމަތްވެސް މިހާރު ވަނީ ބަދަލުކޮށް އެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުރެވޭނެ މަގުފަހި ކޮށްފަ އެވެ. މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ޕެކޭޖު ބަދަލު ކުރުންފަދަ އެހެނިހެން ހިދުމަތަކަށްވެސް އެޕްލައި ކޮށްލެވޭނެ އެވެ.
އާރުއޯއެލްއިން މައުލޫމާތު ދިން ގޮތުގައި އެ ކުންފުނިން ދަނީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރު ކުރުމަށް މަސަައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ކޮވިޑްގެ ހާލަތުގެ ސަބަބުން ސިންގަޕޫރުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ދަތިތަކެއް ހުރުމާއިއެކު އެެކުންފުނިން ދަނީ ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކާއި މަޝްވަރާ ކުރަމުން ކަމަށްވެސް އެކުންފުނިން މައުލޫމާތުދެ އެވެ.
އާރުއޯއެލްގެ ޕެކޭޖްތަކަށް ގެނެވުނު ބަދަލުތަކުގެ މައުލޫމާތު އާރްއޯއެލް ވެބްސައިޓް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭނެ އެވެ. އަދި އާރްއޯއެލްގެ ކަސްޓަމާ ސާވިސް ނަމްބަރު 133 އަށް ގުޅައިގެން ވެސް މައުލޫމާތު ހޯދޭނެ އެވެ.