ރައީސް މުހައްމަދު ނަޝީދު

ފުލުހުންގެ ގާބިލްކަން އެބަހުރި، އިތުބާރުވެސް ކުރަން: ނަޝީދު

ހައެއްފަހެއްގެ ހަމަލާ ތަހުގީގު ކުރުމުގައި ދިވެހި ފުލުހުންގެ ގާބިލްކަން އެބަހުރި ކަމަށާއި ފުލުހުންނަށް އިތުބާރު ކުރާ ކަމަށް އެ ހަމަލާގައި އެންމެ ބޮޑަށް ޒަހަމްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހަމަލާ އަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ މިއަދު ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ކުރިއާ އަޅާބަލާއިރު މިހާރު މާބޮޑުތަނުން ވެސް ރަނގަޅު ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ ކަނާއަތުގެ ތިން އިނގިލި އަދިވެސް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށެވެ. އިނގިލިތައް ރަނގަޅު ވާނެ ކަމުގެ އުއްމީދު ޑޮކްޓަރުން ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު އެމަނިކުފާނަށް އެއީ "ފަނޑު އުއްމީދެއް" ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑަށް މިހާރު ހިނގާބިގާވެ އުޅެލެވޭ. އަދި އަމިއްލަ އަށް ކަންކަން ވެސް ކޮށްލެވޭ،"

ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ތިން ހަފްތާ އަކުން އެއް ފަހަރު ޑޮކްޓަރަށް ދައްކަންޖެހޭތީވެ ކުރިން ލަފާ ކުރި ގޮތަށް މިމަހުގެ ފަހުކޮޅު މިހާރު ރާއްޖެ ވަޑައިނުގެންނެވޭ ކަމަށެވެ. އަދި ރާއްޖެ ވަޑައިގެންނެވޭ އިތުރު ތާރީހެއް ވެސް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ހަމަލާގެ ތަހުގީގާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ހަމަލާއަށް ފައިސާ ހަރަދު ކުރި މީހުންނާއި އިރުޝާދު ދިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އެ ތަހުގީގު ކުރިއަށް ގެންދަން ފުލުހުންގެ ގާބިލްކަން ހުރި ކަންވެސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިދާރާ އަށް "އިންތިހާއަށް އިތުބާރު" ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާ ތަހުގީގު ކުރުމަށްފަހު ފުލުހުން ވަނީ ފަސް މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފަ އެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް ޕީޖީ ވަނީ ދައުވާ ކޮށްފަ އެވެ. އެގޮތުން ދައުވާ ކޮށްފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އެވެ. ލ. ގަން، އަހްމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ ނިންމަވާފައިވާތީ އޭނާ ވަނީ މިނިވަންކޮށްފަ އެވެ.

ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ އެހެން މީހުންނަކީ މ. ކުދެހިގެ އިސްހާގާއި، ގއ. ވިލިނގިލި ހުދުރުވާގެ ފަހްމީ އަލީ އާއި، ހއ. މޮޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްގެ އިތުރުން ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމް އެވެ.