ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އެ ކައުންސިލުން އުކުޅަހުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މައުލޫމާތާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
އެގޮތުން ރައްޔިތުންނަށް އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި ފާހަގަކޮއްފައިވަނީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުވެ. އަދި ރަށުގެ މަގުތައް ހަލާކުވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮޖެހުންތަކާއި ފެރީ ޓާމިނަލް ރަނގަޅު ފެންވަރެއްގައި ނެތުމުން ދިމާވާ ދަތިތަކާއި ކުރީގެ ބަނދަރުގެ ޖެޓީ ހަލާކުވެފައި އޮތުމުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ރަށުގައި ޒުވާނުންނަށް ހާއްސަ ޔޫތު ސެންޓަރެއް ނުވަތަ އެފަދަ ހިދުމަތް ދެވޭނެ ގޮތެއް ހަދައިދިނުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ. އަދި ޒުވާނުން އެކި ދާއިރާތަކުން ތަމްރީނުކުރުމަށް ޓިވެޓް ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވާ ކަމަށާއި ހެލްތް ސެންޓަރުގެ ވަސީލަތްތައް އިތުރުކޮށް އެ ސެންޓަރުން ދެވޭނެ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ކަމަށް ކައުންސިލްގެ މެންބަރުން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފެރީޓާމިނަލްގެ މަސައްކަތް ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އެހީތެރިކަން ފޯރޮކޮށްދެވެން އޮތްގޮތެއް ބައްލަވައި އެކަމަށް މަގުފަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
މި ސަރުކާރު އައިފަހުން އުކުޅަހުގެ ތަރައްގީއަށް ގާތްގަނޑަކަށް 25،930،550 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ސަރުކާރުން ބުންޏެވެ. އެގޭތެރޭގައި އުކުޅަހުގައި އައުޓުޑޯ ޖިމެއް ގާއިމުކުރުމާއި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް 600 ކިލޯ ވޮޓުގެ ޖަނަރޭޓަރު ސެޓެއް ގެނައުން ހިމެނެއެވެ. އުކުޅަހުގައި މިވަގުތު ހިނގަމުންދާ މަަސައްކަތްތަކުގެ ތެރޭގައި ބަނދަރު ފެރީ ޓާމިނަލް ތޮށި ހެދުން ހިމެނެއެވެ. އަދި އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަޔް މިހާރު ވަނީ އެމްޓީޓީސީއާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން މިއަހަރުގެ ފަހު ކުއާޓާގައި އުކުޅަހުގައި ޔޫތު ސެންޓަރެއް ގާއިމުކުރުމާއި ހެލްތް ސެންޓަރު އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.