ލ. ގަން

ކެންސަރު ހޮސްޕިޓަލް އަޅަން އިންޑިއާ ޓީމެއް އަތުވެއްޖެ

Sep 6, 2021
1

ލ. ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ފަށަން އިންޑިއާގެ ޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

ކެންސަރު ބައްޔަށް ފަރުވާ ދޭން ރާއްޖޭގައި ހަދާ ފުރަތަމަ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް ދެ އޮންކޮލޮޖިސްޓުން ވެސް ހިމެނޭ ގޮތަށް ރާއްޖެ އައިސްފައި ވަނީ މުމްބާއީގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ ޓީމެކެވެ. ޕްރިލިމިނަރީ ސާވޭއެއް ހަދައި، ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ޓީމުން ބަލާނެ އެވެ.

އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ -- ލޯނެއް -- ތެރެއިން ހިންގާ މި ޕްރޮޖެކްޓަށް ފައިސާ ދައްކަން ޖެހެނީ 20 އަހަރުގެ ތެރޭގަ އެވެ. ފައިސާ ދައްކަން ފަށަން ފަސް އަހަރުގެ ގްރޭސް ޕީރިއަޑެއް ދީފައިވާ މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސަންޓެވެ.

ގަމުގައި ހަދާ ހޮސްޕިޓަލްގައި ކެންސަރު ބަލީގެ ތަހުލީލުތައްކޮށް ބަލި ދެނެގަނެ، ފަރުވާދީ ރިހިބިލިޓޭޝަން ވެސް ފޯރުކޮށްދޭނެ އެވެ. އަދި ހޮސްޕިޓަލު ހުޅުވައި ހިނގަން ފެށުމުން މެޑިކަލް ޓޫރިޒަމް އެ ސަރަހައްދަށް ތައާރަފުކޮށް ރާއްޖޭގެ ކެންސަރު ބަލި މީހުންގެ ރަޖިސްޓަރީއެއް އެކުލަވައިލާނެ އެވެ.

މި މަޝްރޫއުގައި ކެންސަރަށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ދާއިރާ މީހުން ވެސް ތަމްރީނު ކުރާނެ އެވެ. އެގޮތުން ސިއްހީ ދާއިރާގެ 250 ދިވެހި މުވައްޒަފުންނަށް ތަމްރީން ކުރާނެ އެވެ.

ގަމުގައި ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލެއް ހެދުމަށް ނިންމާ ދިވެހި ސަރުކާރުން އެކަން އިއުލާނުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދު މޯދީއާއެކު ޑިސެމްބަރު 2019 ގައި ކުރެއްވި ވީޑިއޯ ކޮންފަރެންސް ކޯލަކަށްފަހު އެވެ.

ރާއްޖޭގައި ކެންސަރު ބަލީގެ މީހުން ގިނަވެ އަހަރަކު 100 އަށް ވުރެ ގިނަ މީހުންގެ ގައިން ކެންސަރު ބަލި އަލަށް ދެނެގަނެވެ އެވެ. ރާއްޖޭގައި ތިންވަނައަށް މިހާރު އެންމެ ގިނައިން މީހުން މަރުވަނީ ވެސް ކެންސަރު ބަލީގަ އެވެ.