އަލިފުށި

އަލިފުށީ އެއާޕޯޓްގެ ސުވާލަށް އަސްލަމް ޖަވާބެއް ނުދެއްވި

ރ. އަލިފުށީގައި އެއާޕޯޓް އެޅުމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ރައްޔިތުންގެ މަޖިލީހުގައި އަމާޒުކުރި ސުވާލުތަކަށް ޖަވާބެއް ނުދެއްވި އެވެ.

ށ. އަތޮޅުގެ ބައެއް ރަށްތަކުގައި ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވާތީ އަސްލަމް މިއަދު މަޖިލީހަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފަ އެވެ. އަދި އެ ފުރުސަތުގެ ތެރެއިން ރ. އަލިފުށީގައި އަޅަން ނިންމި އެއާޕޯޓާ ގުޅޭ ގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އަސްލަމާ ސުވާލު ކުރެއްވި އެވެ.

އަލިފުށީގައި އެއާޕޯޓެއް އަޅަން ބަޖެޓު ވެސް ކުރެވިފައި ނެތް އިރު ކުއްލިއަކަށް އެ ރަށުގައި އެއާޕޯޓެއް އަޅަން ނިންމުމުން އެއީ ރައްޔިތުންނަށް ލަނޑެއް ދިނުން ނޫންތޯ އާދަމް ޝަރީފް ސުވާލު ކުރެއްވި އެވެ. އަދި ރ. އަތޮޅުގެ ދެކުނުގައި މިހާރުވެސް 12،000 މީހުންގެ އާބާދީ އަކާއެކު 15 ރިސޯޓް އޮޕަރޭޓް ކޮށް އަދި ތިން ރިސޯޓު ވެސް ތަރައްގީ ކުރަމުންދާ އިރު، އެ އަތޮޅުގެ ދެކުނުގައި ވެސް އެއާޕޯޓެއް އެޅުމުގެ ވިސްނުން ގެންގުޅޭތޯ އާދަމް އެއްސެވި އެވެ.

ނަމަވެސް އާދަމް ޝަރީފްގެ ސުވާލުތަކަކަށް ޖަވާބު ދެއްވަން އަސްލަމް ދެކޮޅު ހެއްދެވި އެވެ. ވިދާޅުވީ މިއަދު މަޖިލީހަށް ވަޑައިގަތީ ފެނާއި ނަރުދަމާއާ ގުޅޭ މައްސަލަތަކާ ގުޅޭގޮތުން ޖަވާބު އަރުވަން ކަމަށެވެ. ފެނާއި ނަރުދަމާއާ ނުގުޅޭ ސުވާލުތައް މަޖިލީހުގެ އެހެން މެމްބަރުން ވެސް މިއަދު ކުރެއްވި އިރު އެ ސުވާލުތަކަށް ވެސް އަސްލަމް ޖަވާބެއް ނުދެއްވަ އެވެ.

ރ. އަލިފުށީގައި އެއާޕޯޓެއް އަޅަން މިދިޔަ ބުދަ ދުވަހު އެމްޓީސީސީއާ ވަނީ ހަވާލު ކޮށްފަ އެވެ. އެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރީ 750 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއަށް އެރަށު ބިން ހިއްކުން ވެސް ހިމެނެ އެވެ. ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި މި މަސައްކަތަށް 451،615،528.48 ރުފިޔާ ހަރަދު ވާނެ އެވެ.

އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމި އިރު އެ ޕްރޮޖެކްޓަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައި ވެއެވެ. އެގޮތުން ރ. އަތޮޅު އިފުރުގައި އެއާޕޯޓެއް އޮންނައިރު އަލިފުށިން ފުރައިގެން އެ އެއާޕޯޓަށް 20 މިނެއް ދެވޭއިރު ކުއްލިއަކަށް އަލިފުށީގައި އެއާޕޯޓެއް އެޅުމުގެ މަގްސަދާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން ނެވެ.