އެމްޑަބްލިއުއެސްސީ

ފީވަކުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

ށ. ފީވަކުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސަކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށް އެ މަސައްކަތް ކުރުމަށް ހަވާލުކުރެވުނު އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

ފެން ކުންފުނިން ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތްކުރުމުގެ މަސައްކަތްތަކެވެ. އަދި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ އެ ރަށަށް ގެންގޮސްފަ އެވެ.

މި މަޝްރޫއުގެ ދަށުން ފީވަކުގައި 9.17 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމުކުރުމާއި އާރްއޯ ފެސިލިޓީއެއް އިމާރާތް ކުރާނެ އެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ގެތަކުގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދިނުން ހިމެނެ އެވެ. މިއާއެކު، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މި މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފެންކުންފުނިން މައުލޫމާތުދެ އެވެ.

މި މަސައްކަތް 15 މަސް ދުވަހުގެ ތެރޭގައި ނިންމަން ޝަރުތުކޮށްފައިވާއިރު 49.6 މިލިއަން ރުފިޔާ މި މަޝްރޫއަށް ހޭދަކުރުމަށް ހަމަޖެހިފައިވެ އެވެ.