މާޅެންދޫ

މާޅެންދޫ ނަރުދަމާއާ ފެން ވިއުގައިގެ މަސައްކަތް ފަށައިފި

Dec 19, 2020

ގާތްގަނޑަކަށް 800 އިން މަތީގެ އާބާދީއެއް އޮންނަ މާޅެންދޫގައި އަޅާ ނަރުދަމާ ނިޒާާއި ފެން ވިއުގައިގެ މަސައްކަތް ފަށައިފި އެވެ. މާޅެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ 22 މަސް ދުވަހުން ނިންމަން ޕްލޭނިން މިނިސްޓްރީން ފެން ކުންފުންޏާ 42,975,350.00 ރުފިޔާ އަށް ހަވާލު ކުރި މަސައްކަތެކެވެ.

އެމްޑަބްލިޔުއެސްސީ، ފެން ކުންފުނިން މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އިފްތިތާހުކޮށް ދެއްވީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ ޗެއާމަން އަދި ވިޔަފާރިވެރިޔާ އަހުމަދު މައުސޫމް (ޕިރަމިޑް މައުސޫމް) އާއި މާޅެންދޫ ހިމެނޭ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައެވެ.

މި މަޝްރޫއުގައި ނަރުދަމާ ގާއިމް ކުރަން ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މާޅެންދޫއަށް ގެންގޮސް ވަޅުލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ފެން ޕްލާންޓަށް އަޅާ އިމާރާތުގެ 26 ޕަސެންޓް މަސައްކަތް ވެސް ވަނީ ނިންމާފަ އެވެ.

ފެން ވިއުގަ ގާއިމް ކުރުމުގެ މަސައްކަތުގައި 11.7 ކިލޯ މީޓަރުގެ ފެން ހޮޅީގެ ނެޓްވޯކެއް ގާއިމުކޮށް އާރްއޯ ފެސިލިޓީއެއް އިމާރާތް ކުރާނެ އެވެ. ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބަހައްޓާ އިރު ފެން ރައްކާކުރަން 250 ކިއުބިކް މީޓަރުގެ ތިން ތާންގި ބަހައްޓާއިރު ގޭގޭގައި ފެންމީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދޭނެ އެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 7.9 ކިލޯ މީޓަރަށް ނަރުދަމާ ނެޓްވޯކް ގާއިމުކޮށް އެއް ކިލޯ މީޓަރުގެ ޕަންޕިން ލައިން އަޅައި ދެ ސްޓޭޝަނާއި ސީ އައުޓް ފޯލް ވެސް ގާއިމް ކުރާނެ އެވެ.

މާޅެންދޫއާ ބެހޭ އެންމެ ފަހުގެ ހަބަރަކީ އޯގަސްޓް 22، 2020 ގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސްބޯޓެއް މާޅެންދޫ ބޭރުން ފެނިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފެށި ހަބަރެވެ. ބޭރުގެ އެ މަސްބޯޓު ފެނިގެން ރިޕޯޓު ކޮށްފައި ވަނީ މަހަށް ނުކުމެ އުޅުނު ދިވެހިނެނެވެ. ސިފައިންނެއް ނޫނެވެ.