ވިލިމާލޭގައި 2011 ގައި ހިންގި މާރާމާރީއެއްގައި މަރުވި، ނ. މާޅެންދޫ، ވައިޓް ހައުސް، އަހްމަދު މިރުޒާ މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ގާތިލަކަށް މާފު ދޭން ވާރިސަކު ބޭނުންވެއްޖެ އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފް އަދި ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު އަށެވެ. އޭގެ ތެރެއިން ނަޒީފް މެރުމަށް ކުރި ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ނަޒީފްގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.
މި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުން ހުކުމް އިއްވި ފަހުން އެއް ވާރިސެއްގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެ ސިޓީގައި ނަޒީފަށް މާފު ދޭން ބޭނުންވާ ކަމަށް ހާމަކޮށްފައިވާ ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ވާރިސުގެ ފަރާތުން ލިބިފައިވާ ސިޓީގައި ވަނީ ނަޒީފް ކުށަށް އިއުތިރާފުވެފައިވާތީ މާފުކޮށްދިނުމަށް އެދުމުން މައާފު ދޭން ބޭނުންވާ ކަމަށެވެ.
ހުރިހާ ވާރިސުން ކުރިން ވަނީ މަރަށް މަރުހިފަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އެ ސިޓީއާއި ގުޅޭގޮތުން ފަނޑިޔާރުންގެ ބެންޗުން ވަނީ ނަޒީފާ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ނަޒީފު ބުނީ މިކަމުގައި ބެލެވެނީ އޭނާގެ އާއިލާގެ ފަރާތުން މިރުޒާގެ އާއިލާއާ ވާހަކަ ދެއްކީ ކަމަށެވެ.
ނަޒީފްގެ ފަރާތުން ކުށަށް އިންކާރުކޮށްފައިވާއިރު އޭނާއަށް މާފު ދެވިދާނެތޯ ފަނޑިޔާރުންގެ ބެންޗުން ވަނީ ސުވާލު އުފައްދާފަ އެވެ. އޭނާގެ ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ ކޮންމެ ސަބަބެއް އޮތް ނަމަވެސް ވާރިސަކު މަރަށް މަރު ހިފަން ބޭނުން ނުވާ ހާލަތުގައި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.
މި މައްސަލާގައި ދެން އޮންނާނީ މައްސަލަ ދިރާސާކުރުމަށްފަހު ހުކުމް އިއްވުމުގެ އަޑުއެހުމެވެ.