އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ފުރިހަމަ ކުރުމަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން ވާހަކަ ދައްކައިގެން ވެސް އެދެވޭ ޖަވާބެއް ނުލިބުނު ކަމަށް އެ ދަރިވަރުން ބުނެފި އެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ސްރީލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއިރޮނޮޓިކްސް (އޭއޭއޭ) އިން ހިންގަމުން ދިޔަ، ފްލައިން ސްކޫލް ހިންގުމާ އެވިޑް ކޮލެޖުން ހަވާލުވި ނަމަވެސް ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެ އެވެ. އެހެންވެ ދަރިވަރުންވަރުގެ އެދުމާއެކު ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން އެވިޑު ކޮލެޖުން ދަރިވަރުންނާއެކު ޒޫމް މެދުވެރިކޮށް ބައްދަލުވުމެއް ވެސް ބޭއްވި އެވެ.
އެ ބައްދަލުވުން ބޭއްވުމުގެ ކުރިން ވަކި ދުވަހެއްްގެ ކުރިން މޮކް އެގްޒާމްތަކެއް ނުނިންމައިފިނަމަ ދަރިވަރުން ސްކޫލުން ވަކި ކުރާނެކަމުގެ އިންޒާރު ދިންކަމަށް ދަރިވަރުން ބުނެ އެވެ.
ޒޫމް ބައްދަލުވުމުން ވެސް ކުރިއެރުުމެއް ނުލިބުމުން ފްލައިން ސްކޫލުގެ ބައެއް ދަރިވަރުން ވަނީ އެވިޑް ކޮލެޖަށް ގޮސް ކޮލެޖުގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ދަރިވަރުންގެ ލޯޔަރުން ވެސް ބައިވެރިވި އެވެ.
"ދަރިވަރުންގެ ކަންބޮޑުވުންތައް އިއްޔެވެސް ހިއްސާ ކުރި. އެހެން ނަމަވެސް އެއްވެސް ވަރަަކަށް ކުރިއެރުމެއް ނުލިބި ވަރަށް ހޫނު ޒުވާބަކަށް ދިޔަ. އަޅުގަނޑުމެން ދެންނެވިން މޮކް އެގްޒޭމް ވަކި ދުވަހެއްގެ ތެރޭގައި ނުނިންމައިފިނަމަ ސްކޫލުން ވަކިކުރާނެ ކަމަށް ފޮނުވާފައި ސިޓީގެ ވާހަކަ. އެކަމަކު އެއީ ނުވެސް ވާކަމަކަށް ހެދީ" ބައްދަލުވުމުގައި ބައިވެރިވި ދަރިވަރަކު ބުންޏެވެ.
ފްލައިން ސްކޫލުގެ ދަރިވަރުންގެ "ފްލައިން ލެސަންސް" ތައް މެދުކެނޑިފައިވާ އިރު އެ ސްކޫލު ހިންގުމުގެ ހުއްދަ އެވިޑް ކޮލެޖަށް ދީފައި ނުވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފަ އެވެ. އެ އޮތޯރިޓީެ ގަވައިދު ބުނާގޮތުން ރާއްޖޭގެ ޕައިލެޓް ލައިސެންސްގެ ބޭނުމަށްޓަކައި ކޯސްތައް ހިންގޭނީ އެ އޮތޯރިޓީގެ ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) އެޕްރޫވަލް ހޯދައިގެންނެވެ.
އެހެންވެ ލައިސެންސް ނެތި އެ ސްކޫލު އެވިޑަށް ހިންގިދާނެތޯ ދަރިވަރުުން އިއްޔެގެ ބައްދަލުވުމުގައި ސުވާލު ކުރިއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ޖަވާބެއް ނުލިބުނު ކަމަށް ދަރިވަރުން ބުނެއެވެ.
"މިސާލަކަށް މާދަމާ އިންޖިނިއަރުން ގެނެސްގެން ހަލާކުވެފައި ހުރި އެއާަކްރާފްޓައް ހަދައި އަލުން ސްޓާޓް ކުރިޔަސް ފްލައިކުރުމުގެ ހުއްދައެއް އެވިޑަކަށް ނެތް ދޮއްތޯ. އެކަމާ ގުޅޭ ގޮތުން އެވިޑް ކޮލެޖުގެ ޖަވާބެއް ނުލިބުނު" ދަރިވަރަކު ބުންޏެވެ.
ފްލައިން ސްކޫލް ހިންގަން އޭއޭއޭ އިން ގަން އިންޓަނޭޝަނަލް އެއާޕޯޓާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު އެވިޑް ކޮލެޖަށް އެ ސްކޫލު ހިންގަން ނުދޭން އެ އެއާޕޯޓުން އޮތީ ނިންމާފަ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް އެތަން ހުސްކުރުމަށް ވެސް އޮތީ އަންގާފަ އެެވެ. ނަމަވެސް އަދިވެސް އެތަން ހުސްކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުންވެސް އިއްޔެގެ ބައްދަލުވުމުގައި ދަރިވަރުން ސުވާލު ކުރި އެވެ. އެ މައްސަލައިގައިވެސް އެއްވެސް ޖަވާބެއް ނުލިބުނުކަމަށް ދަރިވަރުން ބުނެއެވެ.
ފްލައިން ސްކޫލު ރާއްޖޭގެ އެހެން ސަރަހައްދަކަށް ބަދަލުކުމުގެ ވިސްނުން ގެންގުޅޭކަމަށް އެވިޑު ކޮލެޖުން މިދިޔަ މަހު ބުނެފައި ވެއެވެ.
ފްލައިން ސްކޫލުގެ ދަރިވަރުންގެ ކޯސްތައް ނުނިމި ދިގުލައިގެން ގޮސްފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ބައެއް ދަރިވަރުން ވަނީ ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.
އޭއޭއޭ އިން އައްޑޫ ފްލައިން ސުކޫލް ހިންގި ދުވަސްވަރު އެތަނުގައި އެތައް މައްސަލައެއް ކުރިމަތިވެ، ދަރިވަރުންގެ ކިޔެވުމަށް ބުރޫއެރުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އެ މައްސަލަ ބަލައި އޭޭއޭއޭގެ އިސް ދެ ވެރިޔަކަށް ފިޔަވަޅު އެޅުއްވުމަށް މިދިޔަ މެއި 11 ވަނަ ދުވަހު އަންގަވާފަ އެވެ.
އޭގެ ފަހުން މިދިޔަ ޖޫން މަހު އެވިޑު ކޮލެޖުން ވަނީ އޭއޭއޭގެ ފްލައިން ސްކޫލުގެ ހިންގުމާ ހަވާލުވެފަ އެވެ. އަދި އޭއޭއޭ އިން ހިންގި އޭވިއޭޝަން ސްކޫލުގެ ނަން އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) އަށް ބަދަލު ކުރި އެވެ.