އުމަރު ނަސީރު

މައްސަލަތަކަށް ހައްލު ހޯދަން ސަރުކާރުން ޕާޓީތަކަށް ގޮވާލައިފި

Nov 26, 2015
3
  • އާންމުންގެ ރައްކާތެރި ކަމަށް ހުރިހާ ފިޔަވަޅެއް އަޅާނެ
  • އީސީ އާއި އެޗްއާރްސީއެމް، އަދި އެންއައިސީ ކަންކަން ބަލަން އެދޭ
  • ޓޫރިސްޓުންގެ ހިދުމަތަށް ބުރުލެއް ނާރާނެ

ރާއްޖޭގެ މިހާރުގެ މައްސަލަތަކަށް ހައްލެއް ހޯދަން ހުރިހާ ސިޔާސީ ޕާޓީތަކަށް ސަރުކާރުން ގޮވާލައިފި އެވެ. އެމްޑީޕީން މާދަމާ ބާއްވާ މުޒާހަރާއާ ދިމާކޮށް ހޯމް މިިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގައުމީ މަސްލަހަތަށް ވިސްނައިގެން ރާއްޖޭގެ މިހާރުގެ މައްސަލަތަކަށް ހައްލެއް ހޯދަން ހުރިހާ ސިޔާސީ ޕާޓީއަކަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށެވެ

އަދި ބުނެފައި ވަނީ ސަލާމަތީ ގޮތުން ރާއްޖެއަށް މިހާރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް ދިވެހި ކޮންމެ ރައްޔިތަކަށް ގާނޫނީ ގޮތުން ލިބެންޖެހޭ ހައްގުތައް ކަށަވަރުކޮށްދީ ގައުމުގައި އަމަން އަމާންކަން ގާއިމުކޮށް ތަރައްގީ އާއި ރައްޔިތުންގެ މަންފާއަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދެމި އޮންނާނެ ކަމަށެވެ.

މާދަމާ ހަވީރު "މިންޖުވާން" ނަމުގައި ބާއްވާ މުޒާހަރާއަށް އިޝާރާތްކޮށް ބަޔާނުގައި ބުނެފައި ވަނީ މުޒާހަރާ ކުރިޔަށް ގެންދިއުމުގައ ގާނޫނާއި ގަވައިދުތަކުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަށް މުޒާހަރާގައި ބައިވެރިވާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

"... ގައުމު ހިންގުމާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރިކޮށްދިނުމާއި ރާއްޖޭގެ ގާނޫނުތައް ނެގެހެއްޓުމާއި ގައުމުގެ ހަމަޖެހުން ރައްޔިތުންނަށް ޔަގީންކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ." ބަޔާނުގައި ވެއެވެ. "ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ސުލްހަވެރި ކަމާއެކު އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ބޭނުން ކުރުމަށް ދިވެހި ފުލުހުންނާއި ސަރުކާރުގެ އެންމެހާ މުއައްސަސާތަކުން އަބަދުވެސް އެއްބާރުލުން ދޭނެ އެވެ."

ހޯމް މިނިސްޓްރީން ބުނީ މާދަމާގެ މުޒާހަރާގައި ހަމަނުޖެހުމަށާއި ޖިނާއީ އަމަލުތަކަށް މަގުފަހިވާ ގޮތަށް ކަންކަން ކުރިޔަށް ގެންދާނަމަ އާންމުންނަށާއި އެކި ފަރާތްތަކުގެ މުދާ ހިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންކަން ވަގުތުން ވަގުތަށް ކުރާނެ ކަމަށެވެ. އަދި ރާއްޖެ އައިސް އުޅޭ ޓޫރިސްޓުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވެސް އަޅާނެ ކަމަށާއި މުޒާހަރާގެ ގަޑީގައި މާލެ އާއި ރިސޯޓްތަކާއި އެހެން ރަށްރަށުން ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކަށް އެއްވެސް ހުއްޓުމެއް އަޔަ ނުދޭނެ ކަމަށެވެ.

މީގެ އިތުރުން މާދަމާގެ މުޒާހަރާގެ ކަންކަން އިލެކްޝަން ކޮމިޝަނާއި އެޗްއާރްސީއެމާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބެލުމަށް ވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މި ބަޔާން ނެރުނު އިރު ފުލުހުން ބުނެފައި ވަނީ މާދަމާ ރޭގެ 12:00 ޖަހާއިރު މުޒާހަރާ ނިންމަންޖެހޭނެ ކަމަށާއި މުޒާހަރާ ކުރަން މަގުމައްޗަށް ނުނުކުމެ ތިބެން ޖެހޭނީ އާޓިިފިޝަލް ބީޗުގައި ކަމަށެވެ. އެމްޑީޕީން ބުނެފައި ވަނީ ކުރިން ވެސް ރާވާފައި އޮތް ގޮތަށް މުޒާހަރާ ދާނެ ކަމަށެވެ.