އެފަދަ ކަމެއް ދިމާވެއްޖެނަމަ އެވާނީ އިންޑިއާ ކަނޑުގެ ގައުމުތަކަށް ދިމާވާ ބޮޑު ކާރިސާ އަކަށް. އަދި އަޅުގަނޑުމެންގެ ރައްޔތިުން ޑިމޮކްރަސީއާއި މެދު ކުރާ އުންމީދުތައް ފުނޑުފުނޑު ވެގެން ދާނެ. ހަމަ އެކަނި ރާއްޖެއެއް ނޫން، އިންޑިއާއާއި ބަންގްލަދޭޝްއާއި ޕާކިސްތާނާއި އެނޫންވެސް އިންޑިއާ ކަނޑުގެ ގައުމުތަކަށް ވެގެން ދާނީ މިފަދައިން. އެހެން ނަމަވެސް އަޅުގަނޑަށް އަބަދުވެސް ލަންކާގައި ގެންގުޅޭ ސިސްޓަމާއިމެދު އިތުބާރު އޮވޭ. މިތަނުގެ [ލަންކާގެ] ސިފައިންނާއި ފުލުހުންނަކީ ދުނިޔޭގެ ނިސްބަތުން ބެލިކަމުގައި ވިޔަސް ވަރަށް ގާބިލް ބައެއް.
ރާއްޖޭގެ ސިފައިންނާއި ފުލުހުންނަކީ އެހާ ގާބިލް ބައެއް ނޫން. އެހެން ކަމުން ގާނޫނު އަސާސީ ނެގެހެއްޓުމުގެ ބަދަލުގައި އެބޭފުޅުން ދިޔައީ ވަކި ފަރާތަކަށް. މިފަދަ ކަންތައްތަކުގެ ސަބަބުން ރާއްޖޭގައި ރަނގަޅު ސަރުކާރެއް ގާއިމު ކުރުމަށް މިވަނީ ވަރަށް އުނދަގޫ ވެފައި. ކަމަށް ގާބިލް ބޭފުޅުންނަށް އެބޭފުޅުންގެ ދާއިރާތަކުން ކުރިޔަށް ދިޔުމަށް ފުރުސަތު ނުލިބޭ. އެހެންވީމަ ރާއްޖޭގައި ސިފައިންނާއި ފުލުހުން ގާނޫނު އަސާސީ ނެގެހެއްޓުމުގެ ބަދަލުގައި ވަކި ކޮޅެއް އިހްތިޔާރު ކުރީ.
ރާއްޖޭގައި ޑިމޮކްރަސީ ގާއިމު ކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. ރާއްޖޭގައި ޑިމޮކްރަސީ އޮތީ ވަރަށް ޅަފަތުގައި. ގިމަ ޕާޓީތައް ބައިވެރިވާ ގޮތަށް ރިޔާސީ އިންތިހާބެއްވެސް ރާއްޖޭގައި ބޭއްވުނީ 2008 ވަނަ އަހަރު. އެހެން ނަމަވެސް ލަންކާގައި ކަންތައްތައް އޮތީ އެހެނެއް ނޫން. ގިނަ ޕާޓީތައް ބައިވެރިވާ ގޮތަށް ލަންކާގައި ވަރަށް ކުރީއްސުރެ އިންތިހާބުތައް ބޭއްވޭ. ރާއްޖޭގައި ވަކި އާއިލާއަކުން ނުވަތަ ވަކި މިނިސްޓަރެއްގެ ބާރު ގަދަވެ މުޅި ޖުޑީޝަރީއާއި ގާނޫނު އަސާސީ މިވަނީ ޑިމޮކްރަސީގެ ރޫހާއި ހިލާފުވެފައި. އަޅުގަނޑުމެންގެ ގައުމު މިވަނީ ޑިމޮކްރަސީގެ ހަަމަތަކަށް އަލުން އަނބުރާ ގެންނަން ޖެހިފައި. އަޅުގަނޑު އުންމީދު ކުރަނީ ސްރީ ލަންކާ ސަރުކާރުން ރާއްޖޭގައި ހިނގަމުން އަންނަ ކަންތައްތައް ވަރަށް ގާތުން ބަލަމުން އަންނާނެ ކަމަށް. އަދި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ވެގެން އަންނާނެ ކަމަށް ވެސް އަޅުގަނޑު ޔަގީން ކުރަން. އަދި ލަންކާގެ އެއްބާރުލުމާއިއެކު ރާއްޖޭން ވާނީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް 2009 ވަނަ އަހަރު ފަށާފައި.
ބާރަކީ ރައްޔިތުންގެ އަތުގައި އޮންނަ އެއްޗެއް. ރައްޔިތުން ކަންތައްތައް އިސްލާހު ކުރުމަށް ނުކުމެ އަޑު އުފުލަން ފަށައިފިނަމަ އެކަން އެއްވެސް މީހަކަށް ނުހުއްޓުވޭނެ. ރާއްޖޭގެ ޖުޑީޝަރީގައި ވަރަށް ބައިވަރު މައްސަލަތައް އެބަހުރި، އަދި އެކަން އިސްލާހު ކުރުމަށް ވަގުތު ނަގާނެ. އަޅުގަނޑުމެން މިފަދަ ކަންކަމުގައި ލަންކާ ނަމޫނާއަކަށް ބަލަން ޖެހޭ. ތަންކޮޅެއް ކުރިން ލަންކާގައިވެސް މިފަދަ ކަންތައްތައް ދިމާވި. އެހެން ނަމަވެސް މިހާރު ނިޒާމް އަންނަނީ ރަނގަޅު ވަމުން. ތިރީސް އަހަރު ވަންދެން ލަންކާގައި ދާހިލީ ހަނގުރާމައެއް ކުރިނަމަވެސް ލަންކާއަކީ ވަރަށް ޑިމޮކްރެޓިކް ގައުމެއް.
އަޅުގަނޑުމެންނަކަށް އެކަހެރި ވެގެން މަސައްކަތް ކުރެވޭކަށް ނެތް. ހުޅަނގާއި ވެސް އިރުމައްޗާއިއެކުވެސް ރަނގަޅު ގުޅުންތަކެއް އަޅުގަނޑުމެން ގާއިމު ކުރަން ޖެހޭ. އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އިންޑިއާ އަކީ އިންޑިއާ ކަނޑުގެ އެންމެ ބޮޑު ބާރުކަން. އަޅުގަނޑަށް ޔަގީން ލަންކާއަށްވެސް ޒިޔާރަތް ކުރާނީ ގިނައިން ހުޅަނގުގެ ފަތުރުވެރިންކަން. އިގްތިސޯދީ ގޮތުން ވެސް ގުޅުން ބަދަހި ކުރާނީ ހުޅަނގުގެ ގައުމުތަކާއިއެކު. އިންޑިއާއާއިއެކު އިންޑިއާ ކަނޑުގެ ގައުމުތަކުން ބާއްވާނީ ބޮޑަށް ރަހުމަތްތެރިކަމުގެ ގުޅުން. ޕޯޕް ފްރޭންސިސް ލަންކާއަށް ވަޑައިގަތުމުން މިލިއަނެއްހާ ރައްޔިތުން މަގުތަކަށް ނިކުތް. އެ އެންމެންނަކީ ކްރިސްޓިއަނުން ކަމުގައި ނުވެދާނެ. ދުނިޔެ މިއޮތީ ވަރަށް ބޮޑަށް ގުޅި ލާމެހިފައި. އަޅުގަނޑުމެންނަށް އެކަހެރިވެގެން އުޅެވޭކަށެއް ނެތް.
މިހާރުވެސް ކަންތައްތައް ދަނީ ހަމަ އެގޮތަށް. އަޅުގަނޑު ބޭނުންވަނީ ރާއްޖޭގެ ސަރުކާރުން ލަންކާ އާއިއެކު ވަރަށް ގާތުން މަސައްކަތް ކުރުމަށް. ލަންކާގެ އާ ސަރުކާރަށާއި ބޮޑުވަޒީރަށް އަޅުގަނޑު އިލްތިމާސް ކުރާނީ ފޮރިން ޕޮލިސީ އެކުލާވާލާއިރު ރާއްޖެއާއި ވަރަށް ގާތުން މަސައްކަތް ކުރެވޭނެ ގޮތަކަށް ޕޮލިސީ އެކުލަވާލުމަށް.
ތި ފާހަގަ ކުރެއްވި ގޮތަށް ލަންކާއާއި ރާއްޖެއަކީ ވަރަށް ގާތް ގުޅުންތަކެއް އޮންނަ ދެ ގައުމު. ދަތުރު ފަތުރު ކުރުމުގައި އޮތް ހުރަސްތައް ނައްތާލުމަށް ދެގައުމަށްވެސް އަޅުގަނޑު ގޮވާލަން. އަދި ލަންކާގެ ލޭބާ މާކެޓް ރާއްޖެއަށް ހުޅުވި ރާއްޖޭގެ ލޭބާ މާކެޓް ލަންކާއަށް ހުޅުވިގެން ދިޔުމުން ކުރިޔެރުންތަކެއް ލިބޭނެ ކަމަށް އަޅުގަނޑު ދެކެނީ. މިހާރުވެސް ރާއްޖޭގައި ލަންކާގެ ވަރަށް ގިނަ ރައްޔިތުން މަސައްކަތް ކުރަމުން އެބަދޭ. ލަންކާއިން ވަރަށް ގިނަ ބާވަތްތައް ރާއްޖެ އެތެރެކުރާއިރު ގިނަ ވައްތަރުގެ މަސް ރާއްޖެއިން ލަންކާއަށް އެތެރެ ކުރޭ. ދެފަރާތުން ވެސް ޑިއުޓީ ކަނޑާލުމަށް އަޅުގަނޑަށް ފެނޭ.
ރާއްޖޭގައި ބުދު ދީން ގަރުނުތަކެއް ކުރިން އޮތް. އެހެން ނަމަވެސް އަރަބި ދަތުރުވެރިން ރާއްޖެ އައިސް ރާއްޖޭގައި ވަޒަންވެރިވެ ރާއްޖެ އިސްލާމްވިކަން ރާއްޖޭގެ ތާރީހުން އެނގޭ. މިހާރުވެސް ރާއްޖޭގެ ސަގާފަތުގައި ބުދުދީނުގެ ގިނަ ކަންތައްތައް ހިމެނޭ. ލަންކާގެ ސަގާފީ ކަންތައްތައް ރާއްޖޭގައިވެސް އޮވޭ. ނަމަވެސް އެ ހަރަކާތްތަކުގެ ނަން ވަނީ ބަދަލު ކުރެވިފައި. ލަންކާގެ ބުދިސްޓުންނަކީ ވަރަށް ހަމަޖެހޭ ބައެއް. ބުދިސްޓުންނާއި މުސްލިމުންނާއި ދެމެދު އޮންނަ ގުޅުން ހީނަރު ވެގެން ނުވާނެ. އަޅުގަނޑުމެން ޖެހޭނެ އަނެކާގެ ދީނަށް އިހްތިރާމް ކޮށް އޭނާގެ ދީނުގައި އޭނަ ހުރުމުގެ ފުރުސަތު ދޭން.
އަޅުގަނޑު ގޮވާލަނީ ލަންކާގެ ރައްޔިތުންނަށް އަބަދުވެސް ކުރިޔަށް ދިޔުމަށް