އެމްޑީޕީ އާއި ސިޔާސީ އެހެން ޕާޓީތަކުގެ ތަފާތު މި ފެންނަނީ އެވެ. މިއީ އޭގެ ތެރެއިން ބޮޑު ދުވަހެކެވެ. ސިޔާސީ ހައިޖާނާއި ހަޅުތާލުގައި އެމްޑީޕީ ފަހަތަށް ޖެއްސޭ ވަރެއް އެހެން ބަޔަކަށް ނުވެ އެވެ. އެކަމަކު ހިތާމަ އަކީ އެމްޑީޕީގެ މުޒާހަރާއަކުން ވެރިމެއް ފުރޮޅި ނުވަތަ ވެރިއަކަށް މާ ބޮޑު އަސަރުތަކެއްކޮށްފައި ނެތް ކަމެވެ. ފަހަރެއްގައި އެކަން އެއީ އެމީހުންގެ ފަހުރަކަށް ވެސް ވެދާނެ އެވެ.
ކޮންމެއަކަށް ފޯރިގަދަ ސިޔާސީ ހަރަކާތެއް އެމްޑީޕީ އިން މިއަދު ފަށާއިރު މި އޮތީ ފޯރި އެރުވުމަށް އެމީހުން އާންމުކޮށްފައިވާ ލަވަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަސް ލަވަ އެކެވެ. އެއްބަސްވާން ޖެހެ އެވެ. އެމްޑީޕީގެ ސިޔާސީ ލަވައަކީ ހަގީގަތުގައި ވެސް ނިކަން ބޮޑު މުނިފޫހިފިލުވުމެކެވެ.
ވަރަށް ހުނަރުވެރި މިއުޒީޝަނުންނާއި ލަވަކިޔުންތެރިން އަދި އެހެނިހެން އާޓިސްޓުން ވެސް އެމީހުންގެ މި ހަރަކާތްތަކުން ފާހަގަކޮށްލެވެ އެވެ. މިސާލަކަށް ތިރީގައި މި ހިމަނާލާ ލަވައިގެ އަޑުގެ ދެ ވެރިންނަކީ ވެސް ރާއްޖެ ދުށް ނިކަން މަޝްހޫރު ދެ ލަވަކިޔުންތެރިންނެވެ. އެކަކަކީ ލެޖެންޑެކެވެ.
މިއީ މިންޖުވާން ސިލްސިލާގެ ދަށުން ނެރެފައިވާ އެކި ވާޝަންތަކަށް ބަލާއިރު މިންޖުވުމުގެ ރޮކް ވާޝަން އެކެވެ. ދެން މި އޮތީ ހަމަ މި މިންޖުވުމުމެއްގެ ބޮޑުބެރު ވާޝަން އެކެވެ.
ބޮޑުބެރަކީ ދުވަސްވަރުގެ އެންމެ ފޯރިގަދަ މިއުޒިކަށްވުމުން އެމްޑީޕީގެ ސިޔާސީ ހަރަކާތް އޭގެ ހަރުބީ އަށް ވެސް ފައިހަމަކޮށްލީ އެވެ.
މިއީ ފުދޭވަރަކަށް އަސަރުގަދަ ލަވައެއްވެސް މެ އެވެ. ދުޢާކުރުން މަނާ މި ރާއްޖޭގައި "ދުޢާ" އެއްގެ ސިފަ އާއި ރާގު ވެސް ޖައްސާފައިވާ ލަވައެކެވެ.
އެއަށް ފަހު ދެން މި އޮތީ ވެސް މިންޖުވާން އެކެވެ. އެމްޑީޕީއާ އެކު 2008 ވަނަ އަހަރު ފެނުނު ގިނަ ބަޔަކު އެ ޕާޓީއާ އެކުގައި މިއަދު ނެތަސް ލަވަކިޔުންތެރިޔާ މުހުތާރު އަކީ އަދިވެސް މިހުރީ އެމްޑީޕީއާ އެކުގަ އެވެ. ކޮންމެއަކަސް ވަރަށް ހިތްގައިމު ލަވައެކެވެ.
ދެން މި އޮތީ "ރެގޭ" އާއި "ޑިންބާ މިއުޒިކް" ގެ ކުލަޖެހިފައިވާ ލަވަ އެކެވެ. އަޑުގެ ވެރިޔަކީ ރެގޭ ޖޮންރާގެ ދިވެހި ލަވަތަކަށް މަޝްހޫރު ހައިޝަމް އެވެ.