ދުނިޔެ

އަޝްރަފް ޣަނީ މާފަށް އެދިވަޑައިގެންފި

އަފްޣާނިސްތާންގެ ކުރީގެ ރައީސް އަޝްރަފް ޣަނީ އަފްޣާން ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފި އެވެ. ޣަނީ ވިދާޅުވީ މުޅި ހަޔާތްޕުޅުގައި ވެސް އަފްޣާން ދޫކުރައްވަން ޖެހިވަޑައިގަތުމަށް ވުރެ ހިތްދަތި އިޚުތިޔާރެއް ނުކުރައްވާ ކަމަށެވެ.

ޣަނީ ވިދާޅުވި ގޮތުގައި އަފްޣާންގެ ހަ މިލިއަން ރައްޔިތުން ރައްކާތެރި ކުރަން އެނޫން ގޮތެއް ވިސްނިވަޑައި ނުގަތީ އެވެ. އަދި ވިދާޅުވީ 1990 އިގެ އަހަރުތަކުގައި އަފްޣާންގައި ހިނގައިދިޔަ ދާޚިލީ ހަނގުރާމާގައި މީހުން މަގުތަކަށް ނެރެ ލޭ ކޮށާލައި އެލުވައި ދަންޖެއްސުން ފަދަ ހާދިސާތައް އަނެއްކާ ވެސް ހިންގާފާނެ ކަމަށް ބިރުފުޅުގަތީ އެވެ.

ތާލިބާނުން ދަނޑިވަޅު ބަލާފައި އަފްޣާން ތެރެއަށް ދެމިގަތީ ބަޔަކު ހީވެސް ނުކުރާހާ ހަލުއި ކަމާއެކު ކަމަށް ޣަނީ ވިދާޅުވި އެވެ. ޣަނީ ވިދާޅުވީ ކާބުލް ވަށާލައި ތާލިބާނުން ރިޔާސީ ގަނޑުވަރަށް ވަންނާނެކަން ކަށަވަރުވުމުން ހަށިފާރަވެރިން ދިން ނަސޭހަތަކީ ގައުމު ދޫކުރެއްވުމެވެ.

އަފްޣާން ތަރައްގީގައި 20 އަަހަރު މަސައްކަތް ކުރެއްވި ކަމަށް ޣަނީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރެއްވީ ދުނިޔެ ގަބޫލުކުރާ ފެންވަރަށް އަފްޣާން ތަރައްގީ ކުރަން ކަމަށާއި އަފްޣާން ދޫކުރައްވައި ވަޑައިގަތުމަކީ އެއްވެސް އިރެއްގައި ޚިޔާލަށް ވެސް އައިކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު މާފަށް އެދެން އަފްޣާން ރައްޔިތުންގެ ކިބައިން،" ޣަނީ ވިދާޅުވި އެވެ. "އަޅުގަނޑަށް ގައުމަށް ރަނގަޅު ކަމެއް ކޮށްދެވޭނެ ކަމަށް އެއްވެސް މީހަކު ހީކުރެއްވި ނަމަ އެމީހެއްގެ ކިބައިން އަދި ވަކިން ބޮޑަށް މާފަށް އެދެން" ޣަނީ އިތުރަށް ވިދާޅުވި އެވެ.

ޣަނީ ވިދާޅުވީ އުންމީދު ކުރެއްވި ގޮތަށް ގައުމަށް ޚިދުމަތް ނުކުރެއްވުނު ކަމަށާއި އެކަމަށް ވެސް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޣަނީ ވިދާޅުވީ އޭނާ ގައުމު ދޫރައްވައި ވަޑައިގަތީ ފައިސާތަކެއް ހިއްޕަވައިގެން ކަމަށް ބުނާ ބުނުމަކީ ބުހުތާން ދޮގެއް ކަމަށާއި އޭނާގެ ދެމަފިރިން އަބަދުވެސް އުޅުއްވަނީ ޚަރަދަށް ބައްލައިގެން ކަމަށެވެ.

ބައިނަލްއަގުވާމީ ކުންފުންޏެއް ލައްވައި ރަސްމީ އޮޑިޓެއް ހެއްދެވުމަށް ޣަނީ ގޮވާލެއްވި އެވެ. އޭނާ އަދި ވިދާޅުވީ އެއްވެސް ކަމެއް ފޮރުވާފައި ނުހުންނާ ކަމަށާއި މިލްކިއްޔާތުގައި ހުރިނަމަ ހުރި އެއްޗެއް އަފްޣާން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.