ލައިފްސްޓައިލް

ރަތް ބާމިޔާތޮޅި އަގު ބޮޑުވެފައި ސިއްހީ ފައިދާ ގިނަ

ލޭޑީޒްފިންގާ ނުވަތަ ބާމިޔާތޮޅި އާއްމުކޮށް ހުންނަނީ ފެހިކުލައިގަ އެވެ. މި ނޫން ކުލައެއްގެ ތޮޅިއެއް ވަރަށް މަދުން ނޫނީ ނުފެނެ އެވެ. ނަމަވެސް އިންޑިޔާގެ ދަނޑުވެރިއަކު ވަނީ ބާމިޔާތޮޅީގެ މުޅިން އާ ވައްތަރެއް ހައްދާފަ އެވެ. މި ތޮޅި ހުންނަނީ ރަތްކުލައިގަ އެވެ. އަދި މި ތޮޅިން ލިބޭ ސިއްހީ ފައިދާ ވެސް ފެހިކުލައިގެ ތޮޅިން ލިބޭ ފައިދާއަށް ވުރެ މާ ބޮޑަށް އިތުރުކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. އަދި ފެހި ބާމިޔާތޮޅިއަށް ވުރެ ރަތްތޮޅި ހަ ގުނަ އަގުވެސް ބޮޑެވެ. އާދައިގެ ބާމިޔާ ކިލޯއެއް ދިއްލީގައި ލިބެނީ 40 ރުޕީސް އަށެވެ. ނަމަވެސް ރަތް ތޮޅީގެ 250 ގްރާމް ވެސް މޯލް ތަކުން ވިއްކަނީ 300-400 ރުޕީސް އަށެވެ.

މި ބާމިޔާތޮޅި ހައްދާ ދަނޑުވެރިޔާ މިސްރީލާލް ރާޖްޕޫތު ބުނި ގޮތުގައި އޭނާ ހައްދަނީ ފެހިކުލައިގެ ތޮޅީގެ ބަދަލުގައި ރަތް ކުލައިގެ ތޮޅި އެވެ.

"ހިތުގެ މައްސަލަތައް ހުންނަ މީހުންނާއި ލޭގެ ޕްރެޝަރު މަތިވާ މީހުންނަށް ހަކުރު ބައްޔާއި ކޮލެސްޓްރޯލް މަތިވާ މީހުންނަށް މި ތޮޅިން ގިނަގުނަ ފައިދާ ލިބޭ،" މިސްރީލާލް ބުންޏެވެ.

މި ވައްތަރުގެ ބާމިޔާތޮޅި އިންދިގޮތް ކިޔައިދެމުން މިސްރީލާލް ބުނީ މި ވައްތަރުގެ އެއް ކިލޯ އޮށް އޭނާ ގަތީ ވަރަނާސީގައި ހުންނަ އެގްރިކަލްޗަރަލް ރިސާޗް އިންސްޓިޓިއުޓަކުން ކަމަށެވެ. އޭނާ އެ އޮށްތައް އިންދީ މިދިޔަ ޖުލައި މަހު ކަމަށާއި 40 ވަރަކަށް ދުވަހުގެ ތެރޭގައި އޮށްތައް ފަޅައި ގަސްތައް ހެދެން ފެށި ކަމަށެވެ.

މިސްރީލާލް ބުނަނީ އޭނާ މި ގަސްތައް ހައްދަން އެއްވެސް ބާވަތެއްގެ ޕެސްޓިސައިޑްސް ބޭނުން ނުކުރާ ކަމަށެވެ.