ޗައިނާ

ޗައިނާގެ ޔުނިވާސިޓީއެއްގައި ދިވެހި ބަސް ކިޔަވައިދެނީ

ޗައިނާގެ ބެއިންޖިން ފޮރިން ސްޓަޑީޒް ޔުނިވާސިޓީގައި ދިވެހި ބަސް ކިޔަވައިދޭން ފަށައިފި އެވެ.

ދިވެހި ބަސް ކިޔަވައިދޭން ފެށުމުގެ ގޮތުން މިދިޔަ އަންގާރަ ދުވަހު އެ ޔުނިވާސިޓީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރުގެ ނައިބު ސޮބާހު ރަޝީދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގެ މީޑިއާ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ ދިވެހި ބަސް ކިޔަވައި ދޭނީ "މޭޖާަ" މާއްދާއެއްގެ ގޮތުގައި ނޫން ކަމަށާއި އޭގެ ބަދަލުގައި "ސިލެކްޓިވް" މާއްދާއެއްގެ ގޮތުގައި ކަމަށެވެ.

ދިވެހި ބަސް ކިޔަވައިދޭނީ އެ ޔުނިވާސިޓީގެ ސްކޫލް އޮފް އޭޝިއަން ސްޓަޑީޒްގައި ދިވެހި ކިޔަވައިދޭ ޓީޗަރު ޝޫ ފަންގްފަންގް އެވެ. އޭނާ ވަނީ މީގެ ކުރިން އެތައް ފަހަރަކު ރާއްޖެ އައިސްފަ އެވެ. އަދި ދިވެހި ބަސް ދަސްކުރުމަށް އޭނާ ކުރި މަސައްކަތާ ގުޅޭ ޕޯސްޓުތައް ވަރަށް ގިނައިން ޓުވިޓާގައި ޝެއާކޮށްފައި ވެއެވެ.

ޝޫ ވިދާޅުވީ ދިވެހި ބަސް ޗައިނާގައި ކިޔަވައި ދޭން ފެށުމުން ރާއްޖޭގެ ރާއްޖޭގެ ތާރީހާ ގުޅޭ ގޮތުން ގިނަ މައުލޫމާތުތަކެއް އެގައުމުގެ ރައްޔިތުންނަށް ހާއްސަކޮށް ޒުވާނުންނަށް އެނގިގެންދާނެ ކަމަށެެވެ.

މިއީ ބޭރުގެ ޔުނިވާސިޓީއެއްގައި ދިވެހި ބަސް ކިޔަވައިދޭން ފެށި ފުރަތަމަ ފަހަރެވެ. ބެއިންޖިން ފޮރިން ސްޓަޑީޒް ޔުނިވާސިޓީގައި މިހާރުވެސް ގިނަ ބަސްތަކެއް ދަނީ ކިޔަވައިދެމުން ނެވެ. އެ ޔުނިވާސިޓީގައި ބޭރުގެ ގިނަ އަދަދެއްގެ ދަރިވަރުން ވެސް ކިޔަވައެވެ.