ވިޔަފާރި

މާލޭގައި ލަގްޒަރީ ޓެކްސީގެ ހިދުމަތް ފަށަނީ

Nov 27, 2015

މާލޭގައި ލަގްޒަރީ ޓެކްސީގެ ހިދުމަތް ފެށުމުގެ ހުއްދަ ދޭން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދު ރަޝީދު ނާފިޒު ވިދާޅުވީ ލަގްޒަރީ ޓެކްސީގެ ހިދުމަތް ފެށުމުގެ ގޮތުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

" ރާއްޖެއަށް ވެސް އެކި ކަންކަމުގައި އަންނަ ބޭފުޅުންނާއި ވީއައިޕީ ފެންވަރުގެ ބޭފުޅުންނަށް މިހާރު ދުއްވާ ޓެކްސީ ތަކަށް ވުރެ ތަންކޮޅެއް ފެންވަރު މަތީ ޓެކްސީތަކެއް ބޭނުންވޭ،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި އެގްޒެކެޓިވް ޓެކްސީއަށް ޑިމާންޑް އޮތް ކަމަށް ސަރުކާރަށް ފާހަގަ ކުރެވިފައިވާ ކަމަށާއި ނަމަވެސް މި ހިދުމަތް ފެށުމުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ޓެކްސީތަކެއް ތައާރަފު ކުރަން ވިސްނާނެ ކަމަށެވެ.

"މި ޓެކްސީ ހިދުމަތް ފޯރުކޮށްދޭއިރު ބަލާނަން އެންވަޔަރުމަންޓް ފްރެންޑްލީ ޓެކްސީ ގެނެސްގެން ހިދުމަތްދޭ ފަރާތްތަކަށް. މިހާރު ދުނިޔޭގައި އެބަ ގެންގުޅޭ ހައިބްރިޑް ކާރުތައް. އަދި ހުސް ސޯލާއިން ދުއްވާ ކާރުތައް ވެސް،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބެޑްރި ކާރު 100 ޕަސެންޓް ޑިއުޓީ ފްރީކޮށް ގެނެވޭ އެއްޗިހި ކަމަށެވެ.

"މީގެ ބޭނުމަކީ އެންވަރުމަންޓަށް ފައިދާވާނެ ގޮތަކަށް ޓެކްސީގެ ހިދުމަތް ބަދަލު ކުރުން،" ނާފިޒު ވިދާޅުވި އެވެ.