ބ. ގޮއިދޫ

ގޮއިދު އަތޮޅުގެ ތިން ރަށުގެ ކަރަންޓް އެއްވިއުގަ އަކުން ގުޅާލަނީ

ބ. އަތޮޅުގައި ގުދުރަތީ ގޮތުން އުފެދިފައިވާ ގޮއިދު އަތޮޅުގައި ހިމެނޭ ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫއަށް އެއްވިއުގައަކުން ކަރަންޓް ދިނުމަށްޓަކައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާން ކުރަންޖެހުނީ ކުރީގެ އިއުލާނަށް ފުރިހަމަ ތަރުހީބެއް ލިބިފައި ނުވާތީ ކަމަށެވެ.

ދެވަނަ ފަހަރަށް ކުރި އިއުލާންގައި ވަނީ މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ވެސް ހުޅުވާލާފަ އެވެ.

މިމަހުގެ ހަވަނަ ދުވަހު ކޮށްފައިވާ އިއުލާންގައި ވަނީ ފެނަކަ ކޯޕަރޭޝަނުން ދޭ މައުލޫމާތާ އެއްގޮތަށް ގޮއިދު އަތޮޅުގައި ކަރަންޓު ނެޓްވޯކް އެއްވިއުގައިން ގުޅާލުމާއި އަދި ގޮއިދޫގައި މައި އިންޖީނުގެ އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފަ އެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ފުރުސަތު ދީފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި ފެނަކަ ހެޑް އޮފީހުގަ އެވެ. އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފު ކުރެވޭނީ މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ. ބިޑް ހުށަހެޅުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ފެނަކަ ހެޑް އޮފީހަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ޔޫއެސް ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ ހުށަހަޅަންޖެހެ އެވެ.ބިޑް
ސެކިއުރިޓީ ވާންޖެހޭނީ އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓާ އަކަށް ނުވަތަ ބޭންކް ގެރެންޓެޑް އަދި ސްޓޭމްޕް ޖަހާފައިވާ ޗެކަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް އަކަށެވެ.

ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހެނީ ބިޑް ހުށަހަޅާ ކުންފުނީގެ ނަމުގައެވެ. ބިޑް ސެކިއުރިޓީ ބާތިލްވާ މުއްދަތު، ބިޑް ބާތިލްވާ މުއްދަތަށް ވުރެ 20 ދުވަސް އިތުރުވާންޖެހެ އެވެ. މި މަސައްކަތަށް ހުށަހަޅާ ބިޑްތައް ބާތިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންޖެހެ އެވެ.

ތުޅާދޫ ދާއިރާގައި ހިމެނޭ ގޮއިދު އަތޮޅުގެ ތިން ރަށުގެ އާބާދީ އަކީ ގާތްގަނޑަކަށް 1،500 މީހުންނެވެ.