އެމްއާރުއެމް

އެމްއާރްއެމަށް ޒަައީމަކާއި ރައީސެއް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން -- ކޮންގްރެސް -- ގައި އިންތިހާބު ކުރާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ޖުމްލަ 12 މަގާމަކަށް ވަނީ ހުޅުވާލާފަ އެވެ. އެންމެ ފާހަގަކޮށްލެވެނީ "އެމްއާރްއެމްގެ ޒައީމް" ގެ ނަމުގައި ބޭފުޅަކު އިންތިހާބު ކުރުމަށް މަގާމެއް އުފައްދަވާ ކުރިމަތިލައްވަން ހުޅުވާލާފައި އޮތުމެވެ. އޭގެ އިތުރުން ޕާޓީގެ ރަައީސް ކަމާއި ނާއިބު ރައީސް ކަމަށް ވެސް ވަނީ ހުޅުވާލާފަ އެވެ. ނާއިބު ރައީސް ކަމަށް ދެ ބޭފުޅަކު އިންތިހާބު ކުރާނެ އެވެ. ނަަމަވެސް އެއީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ.

މީގެ އިތުރުން އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް 20 ބޭފުޅުން އިންތިހާބު ކުރާނެ އެވެ. އެއީ 10 ފިރިހެނުންނާއި 10 އަންހެނުންނެވެ.

ދެން ހުޅުވާލާފައި އޮތީ ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އެ ކައުންސިލަށް އިތުރު 30 މެންބަރުންނެވެ. އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ.

އަދި އަންހެނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށާއި އަންހެނުންގެ ކައުންސިލަށް 20 މެންބަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިންތިހާބު ކޮމެޓީ އާއި ސުލޫކު ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީއަށް ކޮންމެ ކޮމެޓީއަކަށް ފަސް މެންބަރުން އިންތިހާބު ކުރާނެ އެވެ.

އަންނަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއާރްއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި އިންތިހާބު ކުރާ މި މަގާމުތަކަށް މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުށައެޅޭނެ އެވެ. ޝަރުތަކީ އެމްއާރްއެމްގެ ދަފްތަރުގައި ހިމެނޭ މެންބަރަކަށް ވުމާއި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލާ މެންބަރެއް ނަމަ 30 އަހަރު ފުރިފައި ނުވުމެވެ.