އެމްއާރުއެމް

މަސައްކަތް ކުރަނީ ގައުމަށް އެންމެ ރަނގަޅު ގޮތަށް: އެމްއާރްއެމް

Nov 20, 2021
3

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މަސައްކަތް ކުރާނީ ގައުމަށް މަންފާ ކުރާ ގައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަންދީގެން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްއާރްއެމްގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއާރްއެމް އުފެދިގެން އައީ އިސްލާހީ ހަރަކާތެއްގެ ތެރެއިން ކަމަށްވާތީ ގައުމުގެ މުހިއްމު އަސާސްތައް ހިފެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ޕާޓީގެ އެންމެ މުހިއްމު އަސާސަކީ ދިވެހިރާއްޖެ އަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަގީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާ އެކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް ދިވެހިންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމެވެ،" ބަޔާނުގައިވެ އެވެ.

އެމްއާރްއެމުން ބުނީ ގައުމީ މަސައްކަތުގައި އެންމެ މުހިއްމު ކަމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިސްލާހަށް ކުރެވޭ މަސައްކަތް ކަމަށެވެ. އެގޮތުން ދައުލަތުގެ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއްގައި ގާނޫނީ ހުކޫމަތު ދެމެހެއްޓުމާއި، އަދުލު އިންސާފު ކަށަވަރުކުރުމާއި، ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަކީ އިސްކަންދޭ ކަންތައްތަކެއް ކަމަށެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ދޮށީ އުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އެމްއާރްއެމްގެ އަސާސްތަކެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެމްއާރްއެމް ރަޖިސްޓްރީ ކޮށްފައިވަނީ ނޮވެމްބަރު 20، 2019 ގައެވެ. މިދިޔަ އޮކްޓޫބަރުގެ ނިޔަލަށް އެޕާޓީގެ ދަފްތަރުގައި ތިބީ 3،003 މީހުންނެވެ.