ރައީސް އަބްދުﷲ ޔާމީން

އިދިކޮޅު އިހުތިޖާޖުގައި ރައީސް ޔާމީން!؟

"އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދާ އެއްވުމުގައި ގޭ ބަންދުގައި ހުންނެވި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެން ހިތްވަރު ދެއްވައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ނިންމާފައި އޮތީ ސަޕޯޓަރުންނާއެކު މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުން ކުރިއަށް ގެންދާށެވެ. ނަމަވެސް ފުލުހުން ވަނީ މަގުތައް ބަންދުކޮށްފައެވެ.

އެހެން ކަމުން ހިނގާލުން ވަނީ އެއްވުމަކަށް ބަދަލުކޮށްފައެވެ. ފުލުހުން އިދިކޮޅުގެ ހިނގާލުމަށް ހުރަސް އެޅީ ކާނިވާ ސަރަހައްދުންނެވެ. އެހެން ކަމުން އެ ސަރަހައްދުގައި އެއްވެ ތިބެ އިދިކޮޅުގެ ސަޕޯޓަރުން ވަނީ އަޑުއުފުލާފައެވެ. އަދި ފުލުހުންނާއި ކުރިމަތިލާން ބޭނުންނުވާ ކަމަށް ބުނެ އިދިކޮޅުގެ ސަޕޯޓަރުން ފަހުން ވަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެފައެވެ.

އަދި ރައީސް ޔާމީން ވަނީ އިދިކޮޅުގެ އެއްވުމުގައި ބައިވެރިވުމުގެ ގޮތުން ކުޑަދޮރަކުން ބޭރު ބައްލަވަން ހުންނަވާ ސަޕޯޓަރުންނާއި ސަލާމް ކުރައްވާފައެވެ. އަދި ހިތްވަރު ދެއްވާފައެވެ.

ފަހުން އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ރަސްމީ ދިދަ އަކާއި ދިވެހި ގައުމީ ދިދައެއްވެސް ހިއްޕަވައިގެންނެވެ. މިއީ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރެއްވި ފަހުން މިފަދަ ގޮތަކަށް އިދިކޮޅު އެއްވުމެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީިސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލުކުރީ މާފުށީ ޖަލުގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މިދިޔަ ރޯދަ މަހުގެ ފަހު ދިހައެއްގައެވެ. އޭގެ ފަހުން އެމަނިކުފާނު ހުންނެވީ ގޭ ބަންދުގައެވެ.

އެމަނިކުފާނުގެ ސަޕޯޓަރުންނަށް މީގެ ކުރީން ބައްދަލުވުމުގެ ފުރުސަތު ލިބެނީ ކޯޓްގައި ހިނގާ ޝަރީއަަތްތަކަށް ރައީސް ޔާމީން ވަޑައިގަންނަވާ ދުވަސް ދުވަހު އެވެ. އެމަނިކުފާނު ކޯޓަށް ވަޑައިގަތުމަށް ގެކޮޅުން ނިކުންނަވާ ވަގުތާ ދިމާކޮށް އިދިކޮޅުގެ ސަޕޯޓަރުން އެއްވެއެވެ.