ޑރ. މުހައްމަދު މުއިއްޒު

ސަރުކާރުން ވިނަރެސް މަޝްރޫއު ހިންގަނީ ޑިލޭއެއްގައި: މުއިއްޒު

ވިނަރެސް މަޝްރޫއު މިސަރުކާރުން ހިންގަނީ ދެ އަހަރު ދުވަހުގެ ޑިލޭއެއްގައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވިނަރެސް އަކީ މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުކަމަށް ސަރުކާރުން ދައްކަމުން އަންނަ ވާހަކަތައް ވެސް މުއިއްޒު ވަނީ ދޮގުކުރައްވާފަ އެވެ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިނަރެސް މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޑިޒައިންކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރު އައިއިރު އެ މަޝްރޫއުގެ ކޮންސްޓްރަކްޝަންގެ އަމަލީ މަސައްކަތް ވާނީ ފެށިފައި ކަމަށެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން މި މަޝްރޫއުގެ ދަށުން އަޅަން ނިންމާފައި ވަނީ 1530 ޕްލެޓް ކަމަށެވެ. ނަމަވެސް 1344 އަށް މި ސަރުކާރުން އެ އަދަދު ކުޑަކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ ކުރިއަށް ހުރި މަޝްރޫއުތަކުގެ ތެރެއިން އެންމެ އަވަހަށް ފްލެޓް ލިބެން އޮތީ އެޗްޑީސީ އިން ތަރައްގީ ކުރަމުން އަންނަ "ވިނަރެސް" ފްލެޓްތައް ޕްލޭނިން މިނިސްޓްރީއިން ކުރިން ވަނީ ބުނެފަ އެވެ. 1344 ހައުސިން ޔުނިޓްގެ މި މަޝްރޫއުގެ ދަށުން އެ ފްލެޓްތައް ކުޑަ އަގެއްގައި ލިބޭނެ ކަމަށް ވެސް ބުނެ އެވެ.

ހުޅުމާލޭގެ ދެވަނަ ބިމުގައި ވިނަރެސް ފްލެޓްތައް އަޅާއިރު 10 ޓަވަރު އަޅަ އެވެ. އެ މަޝްރޫއުގެ މަސައްކަތް 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. މި މަޝްރޫއުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.