ބޭރު ކުޅިވަރު

ޓޮރޭސް އަށް ސިމިއޯނީގެ ތައުރީފް

ސްޕެނިޝް ކަޕްގައި ރޭ ރެއާލް މެޑްރިޑް ކޮޅަށް ދެ ލަނޑު ޖެހި އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ފެނާންޑޯ ޓޮރޭސް އަށް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ތައުރީފްކޮށްފި އެވެ.

 ސްޕެނިޝް ކަޕްގެ ގަދަ 16ގެ ބުރުގައި ރޭ ރަށުން ބޭރުގައި އެތުލެޓިކޯ ވަނީ ރެއާލްއާ 2-2 އިން އެއްވަރުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދައިފި އެވެ. މި މެޗުގައި އެތުލެޓިކޯގެ ދެ ލަނޑު ވެސް ޖެހީ އޭސީ މިލާން އިން މި މަހު އެ ޓީމަށް ބަދަލުވި ޓޮރޭސް ،30، އެވެ. މިއީ 2007 ވަނަ އަހަރު އެތުލެޓިކޯ ދޫކޮށް ލިވަޕޫލަށް ބަދަލުވި ޓޮރޭސް އެެތުލެޓިކޯ އަށް އެނބުރި އައުމަށް ފަހު ޖެހި ފުރަތަމަ ލަނޑުތަކެވެ.

 މެޗަށް ފަހު ސިމިއޯނީ ވަނީ ކުރިން ޗެެލްސީ އަށް ވެސް ކުޅުނު ޓޮރޭސް އަށް ތައުރީފްކޮށްފަ އެވެ.

"ޓޮރޭސް ދެ ލަނޑު ޖެހުމަކީ އަހަންނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. ސަޕޯޓަރުން ވެސް ތިބީ ވަރަށް އުފަލުން. ބައެއް މީހުން ޓޮރޭސްގެ ފެންވަރާމެދު ޝައްްކުކުރި ނަމަވެސް، ޓޮރޭސް އެތުލެޓިކޯ އަށް އެނބުރި އަައުމަކީ މި ކްލަބަށް ލިބުނު ކުރިއެރުމެއް،" ސިމިއޯނީ ބުންޏެވެ.

އެތުލެޓިކޯ އަށް ޓޮރޭސް 2001 އިން 2007 ވަނަ އަހަރާ ހަމައަށް ކުޅުނުއިރު، އޭނާ ވަނީ 214 މެޗުގައި 84 ލަނޑު ޖަހައިފަ އެވެ. އެތުލެޓިކޯ ދޫކޮށް 2007 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވެ، ފަހުން ޗެލްސީ އާއި މިލާނަށް ކުޅުނު ޓޮރޭސް ވަނީ ވޯލްޑް ކަޕާއި ޔޫރޯގެ އިތުރުން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

އެތުލެޓިކޯ އަށް ޓޮރޭސް ކުރިން ކުޅުނުއިރު ރެއާލްގެ ސެންޓިއާގޯ ބެރްނެބެއޫ ސްޓޭޑިއަމްގައި އޭނާ އަށް ލަނޑެއް ނުޖެހެ އެވެ. އަދި މިއީ 2013 ވަނަ އަހަރުގެ ފަހުން އެއް މެޗެއްގައި އޭނާ ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.