ކުޅިވަރު

އަލް ހިލާލަށް ކެންސެލޯ ވިއްކާލަން ސިޓީއިން ނިންމައިފި

މެންޗެސްޓާ ސިޓީގެ ޕޯޗުގަލް ޑިފެންޑަރު ޖޮއާއޯ ކެންސެލޯ، ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ވިއްކާލުމަށް އެ ކުލަބުން އެއްބަސްވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 30 އަހަރުގެ ޑިފެންޑަރު ގަންނަން އަލް ހިލާލް އިން ހުށަހަޅާފައިވަނީ 21.1 މިލިއަން ޕައުންޑްގެ ފީ އެކެވެ.

ކެންސެލޯގެ ޓްރާންސްފާ އާއި މެދު ދެ ކްލަބުން އެއްބަސްވެފައިވާއިރު، ކެންސެލޯ އާއި އަލް ހިލާލް އާއި ދެމެދު އަދި އެއްބަސްވުމަކަށް އާދެވިފައި ނުވި ނަމަވެސް މި ކަމުގައި މައްސަލައެއް ކުރިމަތިވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

ދެހާސް ނަވާރަވަނަ އަހަރު ޔުވެންޓަސް އިން މެންޗެސްޓާ ސިޓީ އާއި ގުޅުނު ކެންސެލޯ، ސިޓީ އާއި އެކު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު އާ ކުރުމަށްފަހު އެ ޓީމަށް ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ. އެހެންކަމުން 2023 ވަނަ އަހަރު ސިޓީން ވަނީ ކެންސެލޯ ލޯނެއްގެ ދަށުން ބަޔާން މިއުނިކަށް ދޫކޮށްފަ އެވެ. އަދި އޭގެ ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން ކެންސެލޯ ވަނީ ބާސެލޯނާއަށްވެސް ކުޅެފަ އެވެ.

ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެމުންދާ ކެންސެލޯ ވަނީ ގައުމީ ޓީމަށް 58 މެޗު ކުޅެދީފަ އެވެ. އަދި ސިޓީގައި ހޭދަކުރި ދުވަސްވަރު އޭނާ ވަނީ އެ ކްލަބަށް 98 މެޗު ކުޅެފަ އެވެ.

ކެންސެލޯ ވަނީ އޭނާގެ ކެރިއަރުގައި ޕޯޗުގަލްގެ ބެންފީކާ، ސްޕޭނުގެ ވެލެންސިއާ އިޓަލީގެ އިންޓަ މިލާން އަދި ޔުވެންޓަސް އަށް ކުޅެފަ އެވެ.