މެންޗެސްޓާ ޔުނައިޓެޑަށް އެހީތެރިވެދެވޭތީ އުފާ ކުރާ ކަމަށް ދާދި ފަހުން އެނބުރި އެޓީމަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ނިއުކާސަލް ޔުނައިޓެޑާއި ރޭ ބައްދަލުކުރި މެޗަށްފަހު ދިން އިންޓިވިއު އެއްގައި ރޮނާލްޑޯ ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެކު ކާމިޔާބީ ހޯދޭނެ ކަމަށެވެ. އަދި މެންޗެސްޓާ ޔުނައިޓަކީ އޭނާއަށް ޖާދުވީ ތަނެއްކަން ސިފަކޮށްދެމުން ރޮނާލްޑޯ ބުނީ ޔުނައިޓެޑުގައި އޭނާ ހާސިލު ކުރަން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ކުރެވޭނެ ކަމަށެވެ.
ޔުނައިޓެޑާއި ނިއުކާސަލް ރޭ ބައްދަލުކުރި މެޗަކީ ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވުމަށްފަހު އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
ޓީމުގެ ފުރަތަމަ 11 އިން ޖާގަ ހޯދާ ރޮނާލްޑޯ ވަނީ ރޭގެ މެޗުގައި ދެ ގޯލު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެޑަށް ފުރަތަމަ ލީޑު ނަގައިދިނީ ވެސް ރޮނާލްޑޯ އެވެ.
ރޮނާލްޑޯގެ އިތުރުން މި މެޗުގައި ޔުނައިޓެޑަށް ގޯލު ޖަހައިދިނީ ބްރޫނޯ ފެނާންޑޭސް އާއި ޖެސީ ލިންގާޑް އެވެ.
ނިއުކާސަލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހާވިއާ މެނކުއިލޯ އެވެ. މި މެޗުން ޔުނައިޓެޑް މޮޅުވީ 4-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.
ރޭގެ ދެ ގޯލާއި އެކު ރޮނާލްޑޯ ވަނީ މިހާތަނަށް ޔުނައިޓެޑަށް 197 މެޗު ކުޅެދީ 86 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.