ޔޫއެފާ ޔޫރޮޕާ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު މެންޗެސްޓާ ޔުނައިޓެޑުން ރަށުން ބޭރުގައި ރޭ މޯލްޑޯވާގެ ޝެރިފް ޓިރާސްޕޯލް 2-0 އިން ބަލިކޮށްފި އެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ރެއާލް ސޮސިއެޑާޑް އަތުން ބަލިވެފަ އެވެ. މި ގްރޫޕުގައި ރޭ ކުޅުނު މެޗުގައި ސޮސިއެޑާޑް ވަނީ އަމިއްލަ ދަނޑުގައި 1-2 އިން އޮޟިނިއާ ނިކޯސިއާ ބަލިކޮށްފަ އެވެ.
ސޮސިއެޑާޑް ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ޝެރިފް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ނިކޯސިއާ ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ.
ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ރޭގެ މެޗަށް ނެރުނީ ވަރުގަދަ ޓީމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި އެޓީމަށް ލީޑު ނަގައިދިނީ ޖޭޑަން ސަންޗޯ އެވެ. ސަންޗޯ މި ހާފުގައި ފޮނުވާލި އިތުރު ހަމަލާއެއް ގޯލު ރޮނގުމަތިން ޝެރިފްގެ ކުޅުންތެރިއަކު ވަނީ ދިފާއުކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ޑިއޯގޯ ޑަލޯ އަށް ޝެރިފްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ރޮނާލްޑޯގެ މި ގޯލަކީ ކްލަބް ކެރިއަރުގައި ޖެހި 699 ވަނަ ގޯލެވެ. އަނެއްކޮޅުން ރޭގެ ގޯލަކީ ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތުގައި ރޮނާލްޑޯ ޖެހި ފުރަތަމަ ލަނޑެވެ.
ޝެރިފްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޔުނައިޓެޑްގެ ކޯޗު ޓެން ހާގް ބުނީ، މެޗު ފަސޭހަ ނުކުރާނެ ކަމަށާއި ޝެރިފްއަކީ ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލުކުރި ޓީމެއް ކަމަށެވެ. ޓެން ހާގް އިޝާރަތްކުރީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަތުން ޝެރިފް ހޯދި މޮޅަށެވެ. އެކަމަކު މި ސީޒަނާ އެޓީމު ކުރިމަތިލީއިރު ކޯޗާއި މުހިއްމު ކުޅުންތެރިން ވަނީ ޓީމު ދޫކޮށްލާފަ އެވެ.
އެހެން ނަތީޖާތަކަށް ބަލާއިރު ހޯސޭ މޮރީނިއޯގެ ރޯމާ އިން ވަނީ ފިންލެންޑުގެ އެޗްޖޭކޭ އަތުން 3-0 އިން މޮޅުވެފަ އެވެ. މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ރޯމާ އިން ހޯދި ފުރަތަމަ މޮޅުގައި ލަނޑުތައް ޖަހައިދިނީ ޕައޮލޯ ޑިބާލާ އާއި ލޮރެންޒޯ ޕެލެގްރީނީ އަދި ލޫޝިއާނޯ ބެލޮޓީ އެވެ. ރޯމާ ހިމެނޭ ގްރޫޕުގައި ރެއާލް ބެޓިސް ރޭ ވަނީ 3-2 އިން މޮޅުވެފަ އެވެ.
ކުއީން އެލިޒަބަތު ދެ ވަނައިގައި ޖަނާޒާއާ ގުޅިގެން ރޭ އާސެނަލުން ޔޫރޮޕާ ލީގުގައި ޕީއެސްވީއާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ. މި ގްރޫޕުގައި ރޭ ކުޅުނު މެޗުގައި ބޯޑޯ/ގްލިމްޓް ވަނީ 1-2 އިން ޒިއުރިޗް ބަލިކޮށްފަ އެވެ.