ކުޅިވަރު

ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލަން ނިންމައިފި

ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ހަދާފައިވާ އެއްބަސްވުން ދެފަރާތުގެ ރުހުމާ އެކު އުވާލައި، މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލައިފި އެވެ.

ޔުނައިޓެޑުން މިރޭ ރަސްމީކޮށް އާއްމުކުރި ބަޔާނުގައި ބުނީ ދެފަރާތް އެއްބަސްވެގެން ރޮނާލްޑޯ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި ދެ ފަހަރެއްގެ މަތީން ޔުނައިޓެޑަށް ކުޅެދީ ކޮށްދިން ހިދުމަތަށް ޝުކުރުއަދާކުރާ ކަމަށެވެ.

ޔުނައިޓެޑާއި ރޮނާލްޑޯއާ ދެމެދު މައްސަލަ ގޯސްވީ ދާދިފަހުން ރޮނާލްޑޯ ދިން އިންޓަވިއުއެއްގެ ބައިތައް އާއްމުވުމާ ގުޅިގެންނެވެ. އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ގިނަ ކަންކަމަށް ފާޑުކިޔައިފަ އެވެ. އަދި ޓީމުގެ ކޯޗު އެރިކް ޓެން ހާގަށް އިހުތިރާމް ނުކުރާ ކަމަށް ރޮނާލްޑޯ ބުނެފައިވެ އެވެ.
ރޮނާލްޑޯ ދޫކޮށްލަން ނިންމައި އާއްމުކުރި ބަޔާނުގައި ޔުނައިޓެޑުން ބުނީ ރޮނާލްޑޯ އާއި އޭނާގެ އާއިލާ އަށް ހެޔޮއެދޭ ކަމަށާއި، ޔުނައިޓެޑުން މަސައްކަތްކުރާނީ ކޯޗާ އެކު ޓީމަށް ކުރިއެރުން ހޯދައިދިނުމަށް ކަމަށެވެ.

ރޮނާލްޑޯ މިވަގުތު ހުރީ ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލް ޓީމު ތަމްސީލު ކުރުމަށް ގަތަރުގަ އެވެ. ޕޯޗުގަލްގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ގާނާއާ ދެކޮޅަށެވެ.

"ޔުނައިޓެޑާ އެކު ކުރިއަށް ގެންދެވުނު މަޝްވަރާތަކަށް ފަހު ދެފަރާތުގެ ރުހުމާ އެކު އެއްބަސްވުން އުވާލަން ވަނީ ނިންމާފަ" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އޭނާ ޔުނައިޓެޑް ދެކެ ލޯބިވާ ކަމަށާއި ހާއްސަކޮށް ސަޕޯޓަރުންނަށް އޮތް ލޯބި ދުވަހަކު ވެސް ބަދަލުނުވާނެ ކަމަށެވެ.

"އެކަމަކު އަހަރެންނަށް އިހުސާސް ވަނީ މިއީ ކްލަބް ދޫކޮށް އާ ޗެލެންޖަކަށް ދާން އެންމެ ރަނގަޅު ވަގުތޭ. ސީޒަނުގެ ބާކީ ބައިގައި އަދި ކުރިއަށް އޮތް ތަނުގައި ޔުނައިޓެޑަށް ހުރިހާ ކާމިޔާބީއަކަށް އަހަރެން އެދެން" ރޮނާލްޑޯ ބުނެފައިވެ އެވެ.

ސްޕޯޓިން ލިސްބަން އިން ރޮނާލްޑޯ އެންމެ ފުރަތަމަ ޔުނައިޓެޑާ ގުޅުނީ 2003 ވަނަ އަހަރު އެވެ. އޭގެފަހުން 2009 ވަނަ އަހަރު ޔުނައިޓެޑް ދޫކޮށް ރެކޯޑް އަގަކަށް ރޮނާލްޑޯ ބަދަލުވީ ރެއާލް މެޑްރިޑަށެވެ. މެޑްރިޑްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ރޮނާލްޑޯ 2018 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވި އެވެ.

ރޮނާލްޑޯ ދެވަނަ ފަހަރަށް ޔުނައިޓެޑާ ގުޅުނީ މިދިޔަ އަހަރު އެވެ. މިދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް 24 ގޯލު ޖަހައިދީފަ އެވެ. އެކަމަކު މި ސީޒަނުގައި ޓެން ހާގްގެ ކޯޗުކަމުގައި ރޮނާލްޑޯ އަށް ކުޅުމުގެ ފުރުސަތު ލިބެނީ މަދުންނެވެ.
ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލިއިރު އޭނާ ދެން ބަދަލުވާނެ ކްލަބެއް އަދި ޔަގީންނުވެ އެވެ.