ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކްލަބް ކެރިއަރުގައި 700 ގޯލު ހަމަކޮށްފި އެވެ.
ރޮނާލްޑޯ 700 ވަނަ ގޯލު ޖެހީ ރޭ ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ރަށުން ބޭރުގައި 2-1 އިން އެވަޓަން ބަލިކުރި މެޗުގަ އެވެ.
ކާމިޔާބު 20 އަހަރުވީ ފުޓްބޯޅަ ކެރިއަރުގައި ރޮނާލްޑޯ 700 ގޯލު ހަމަކުރީ ހަތަރު ކްލަބަށް ކުޅެގެންނެވެ. އޭނާ މިހާރު ކުޅެމުން އަންނަ ޔުނައިޓެޑަށް 340 މެޗުގައި 144 ގޯލު ޖެހިއިރު ރެއާލް މެޑްރިޑްގައި ކުޅުނު 438 މެޗުގައި 450 ގޯލު ޖެހި އެވެ. ޔުވެންޓަސް އަށް ކުޅުނު 134 މެޗުގައި 101 ގޯލު ޖެހިއިރު އެންމެ ފުރަތަމަ ކުޅުނު ކްލަބް، ސްޕޯޓިން ލިސްބަން އަށް 31 މެޗުގައި 5 ގޯލު ޖެހި އެވެ.
ކްލަބް ކެރިއަރުގައި 700 ވަނަ ރޮނާލްޑޯ ޖެހީ 943 ވަނަ މެޗުގަ އެވެ. ކްލަބް ލެވެލްގެ އިތުރުން ރޮނާލްޑޯ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުނު 191 މެޗުގައި ރޮނާލްޑޯ ވަނީ 111 ގޯލު ޖަހައިފަ އެވެ.
ކްލަބް ލެވެލްގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ވެސް ރޮނާލްޑޯ އެވެ. އެ މުބާރާތުގައި ރޮނާލްޑޯ 140 ގޯލު ޖަހާފައިވާއިރު އޭނާއާ ވާދަކުރަމުން އަންނަ ލިއޮނަލް މެސީ ދެވަނައިގައި އޮތީ 13 ގޯލު ފަހަތުގަ އެވެ.
ރޭގެ މެޗު ފަށައިގެން ކުރީކޮޅު އެވަޓަން އިން ވަނީ ލީޑު ނަގައިފަ އެވެ. ކަސެމީރޯ އަތުން ދޫވި ބޯޅައެއް ހޯދުމަށް ފަހު މި ގޯލު އެވަޓަން އަށް ކާމިޔާބުކޮށްދިނީ އަލެކްސް އިވޯބީ އެވެ. އޭރިޔާ ބޭރުން އިވޯބީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އެންޓޮނީ އެވެ. އެންޓޮނީ ވެފައިވަނީ ޔުނައިޓެޑާ ގުޅުމަށް ފަހު ލީގު ތިން މެޗުގައި ޖެހިޖެހިގެން ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މި ސީޒަނުގައި ބްރެޒިލްގެ އެންޓޮނީ ޔުނައިޓެޑަށް ބަދަލުވީ އަޔަކްސް އިންނެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ރޮނާލްޑޯ ބެންޗުން ކުޅެން އެރީ އެންތަނީ މާޝިއަލް އަށް އަނިޔާވުމުންނެވެ. ރޮނާލްޑޯ ގޯލު ޖެހީ ކުޅެން އެރިތާ 15 މިނެޓު ތެރޭގަ އެވެ. ކަސެމީރޯ ދިން ބޯޅަ ހޯދުމަށް ފަހު ރޮނާލްޑޯ ވަނީ ތިރިތިރިން އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.
ދެވަނަ ހާފުގައި އެވަޓަން އިން ޔުނައިޓެޑަށް ޕްރެޝަރު ކުރި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭގޮތެއްނުވި އެވެ. މެޗުގެ ފަހުކޮޅު ޔުނައިޓެޑް މާކަސް ރަޝްފޯޑް ޖެހި ގޯލެއް ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. ރެފްރީ ނިންމުން ބަދަލުކުރީ ގޯލު ޖެހުމުގެ ކުރިން ރަޝްފޯޑްގެ އަތުގައި ބޯޅަ ޖެހުމުންނެވެ.
މޮޅާ އެކު ޔުނައިޓެޑް ވަނީ އަށް މެޗު ހޯދި 15 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ލީގުގައި ޔުނައިޓެޑް ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ ތިން މެޗުން ވަނީ ބަލިވެފަ އެވެ.