ޖޭއެސްސީ

ބައެއް ކޯޓުތަކަށް ފަޑިޔާރުން އައްޔަންކޮށްފި

ކްރިމިނަލް ކޯޓު ހިމެނޭ ހެން ތިން މެޖިސްޓްރޭޓް ކޯޓަކަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން އައްޔަންކޮށްފި އެވެ.

ކްރިމިނަލް ކޯޓަށް ވަނީ ދެ ފަނޑިޔާރުން އައްޔަން ކޮށްފަ އެވެ. އެއީ އދ.މާމިގިލި، ފްރީޕާކް، އަލީ ނަދީމް އާއި ހ.އަސްރަފީވިލާ، އިސްމާއީލް ޝަފީއު އެވެ. މި ދެ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާކޮށްފައިވަނީ އިއްޔެ އެވެ.

އަލީ ނަދީމް ވަނީ މިސްރުގެ އަޒްހަރު ޔުނިވާސިޓީއިން ޝަރީއާވަލްގާނޫނުގެ ޑިގްރީ ހާސިލްކުރައްވާފަ އެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަގާމުގައި ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ.

އިސްމާއީލް ޝަފީއު ވަނީ ޔޫކޭގެ ކާޑިފް ޔުނިވާސިޓީއިން ބެޗެލާސް އޮފް ލޯ ހާސިލްކުރައްވާފަ އެވެ. އަދި ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަގާމުގައި ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އިތުރުން އަމިއްލަ ލޯ ފާމް ތަކުގައިވެސް ވަކީލެއްގެ ހައިސިއްޔަތުން ޝަފީއު މަސައްކަތް ކުރައްވާފައިވެ އެވެ.

މީގެ އިތުރުން ޖޭއެސްއީން ވަނީ ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓު، ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު، ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފަ އެވެ. ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓު ގެ މެޖިސްޓްރޭޓް ކަމަށް، ބ.ދަރަވަންދޫ، ކުރިކީލަގެ، މަރްޔަމް އިފްހާމް ނާޝިދު އެވެ. ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ގއ.ގެމަނަފުށި، މިސްކިތްދޮށުގެ، އަބްދުއްސަލާމް އެވެ. އަދި ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ގއ.މާމެންދޫ، މައިސަން، ވިޝާހް ވަޖީ ދެވެ. މި ފަރާތްތަކުން ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ އިއްޔެ އެވެ.

މަރްޔަމް އިފްހާމް ނާޝިދު ވަނީ ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުން ބެޗްލާ ޑިގްރީ ވިތް އޮނާސް ހާސިލްކުރައްވާފަ އެވެ. އަދި ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓުގެ މަގާމުގައި ހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ.

އަބްދުއްސަލާމް ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލްކުރައްވާފައެވެ. ހައިކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައި ހަތަރު އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވެ އެވެ.

ވިޝާހް ވަޖީދު އަކީ ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓެއްގެ މަގާމުގައި އެއް އަހަރާއި ހަތް މަސް ދުވަހުގެ މުއްދަތަކަށް ހި ދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ތައުލީމު ހާސިލްކުރެއްވީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯއިންނެވެ.