އެޗްއާރްސީއެމް

އެޗްއާރުސީއެމް މެމްބަރުކަމަށް ސަމާއު އައްޔަނުކުރަން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މެމްބަރުގެ މަގާމަށް ގދ. ތިނަދޫ / އަސާގެ، ސަމާއު އަބްދުލް ނަޖީބު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަނުން ފާސް ކޮށްފި އެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އަައްޔަން ކުރަން 14 ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މިދިޔަ ޖުލައި މަހު މަޖިލީހަށް ފޮނުއްވި އެވެ. އޭގެ ތެރެއިން ކޮމިޓީން އިންޓަވިއު ކުރަން ނިންމީ 12 ބޭފުޅުންނާ އެެވެ. ތިން ބޭފުޅަކު އިންޓަވިއުއަށް ހާޒިރެއް ނުވެއެވެ.

ކޮމިޓީއަށް ހާޒިރުވި ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރަން ރުހުން ދޭން ނިންމީ ސަމާއުއަށެވެ. އޭނާއަށް ޖުމްލު ނުވަ މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވި އެވެ.

ސަމާއުއަށް ކޮމިޓީއަށް ރުހުން ދިނުމާއެކު އޭނާ އެ މަގާމަށް އައްޔަނު ކުރަން އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ.

ސަމާއު ވަނީ ހިއުމަން ރައިޓްސްއާ ގުޅޭ ދާއިރާަގައި އަށް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. އަދި ގާނޫނީ ދާއިރާއިން ބެޗެލާޒް އަދި ހިއުމަން ރައިޓްސް ލޯއިން މާސްޓާސް ޑިގްރީ ފުރިހަމަ ކުރައްވައިފަ އެވެ.