ރާއްޖޭގައި ބޮޑުވަޒީރަކު ހުރުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ވިދާޅުވެ ބަރުލަަމާނީ ނިޒާމާ ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ވާހަކަ ދައްކަވައިފި އެވެ.
ގާސިމް މި މޭރުމުން ވާހަކަ ދެއްކެވީ ގާސިމް އިބްރާހީމަކީ ބޮޑުވަޒީރުގެ މަގާމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމުގައި ކުރިންސުރެ އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމާއި ގުޅިގެންނެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން ގާސިމް ވިދާޅުވީ ރާއްޖޭގައި ބޮޑުވަޒީރަކު ހުރުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާނެ ގޮތެއް ނޫން ކަމަށެވެ. އަދި ދުވަހަކު ވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
އެންމެ ފުރަތަމަ ނިޒާމީ ވޯޓްގެ ކަންކަން އައިއިރު އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ އޭރު ވެސް އެމަނިކުފާނުގެ ވިސްނުންފުޅަކީ މިހާރުގެ ވެސް ވިސްނުން ފުޅު ކަމަށެވެ. ރިޔާސީ ނިޒާމަކީ ރައްޔިތުންނަށް ވަކިން ހާއްސަކޮށް ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމު ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިޒާމު ކަނޑައަޅާފައިވާއިރު އެކަމާއި ގުޅޭ ބަހުސް އަލުން ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގައި ބޮޑުވަޒީރަކު ހުރުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. އަޅުގަނޑު އެދެނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް މިތާންގައި އޮތުން،"
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކެމްޕޭނެއް ފަށައި ޕެޓިޝަނެއްގައި ސޮއި ކުރުވަމުންނެވެ.
މި ޕެޓިޝަންގެ މަސައްކަތް ފެށީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު 2023 ވަނަ އަހަރުގެ ކުރިން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް އެ ނިޒާމުގެ ދަށުން ބޮޑުވަޒީރުގެ މަގާމު ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވީ ފަހުންނެވެ.
ގާސިމާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގަ އެވެ.
ގާސިމްގެ ވާހަކަ ފެއްޓެވީ ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) އެވެ. އޭނާ ވިދާޅުވީ ބޮޑުވަޒީރު ކަން ކުރެއްވުމަށް ގާސިމަކީ ގާބިލް ބޭފުޅެއް ކަމަށެވެ. ރާއްޖެއަށް ގާސިމަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ ރައްޔިތުންނަށް އަދުލުވެރިވެ އެމަނިކުފާނުގެ ބޮޑުވަޒީރު ކަމުގައި އިންގިލާބީ ބަދަލެއް ގެނެސްދިނުން ކަމަށް ހަލީމް ވިދާޅުވި އެވެ.
ނަމަވެސް ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރުވުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވަނީ ހަލީމުގެ ވާހަކަތަކާ ދެކޮޅު ހައްދަވާފަ އެވެ. އޭނާ ވިދާޅުވީ ގާސިމަށް ބޮޑުވަޒީރުކަން ދިނުމަށް ތާއީދު ނުކުރެއްވޭނެ ކަމަށެވެ.
ބޮންޑޭ އެހެން ވިދާޅުވުމާ ގުޅިގެން ހަލީމް ވިދާޅުވީ ގާސިމަށް ބޮޑުވަޒީރު ކަން ދިނުމުގެ ވާހަކައަކީ ބައެއް ބޭފުޅުންނަށް އަޑުއަހަން އުނދަގޫ ވާހަކައަކަށް ވާނެ ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންނަށް ރަނގަޅު ގޮތް ކަމަށް ވާނެތީވެ އެކަމުގައި ޒާތީ ނަޒަރަކުން ބެލުމުން ކަމު ނުދާނެ ކަމަށެވެ.
އިސްލާހީ މަސައްކަތުގައި ރާއްޖެ ބަދަލުކޮށް ޕާޓީ ނިޒާމް ގެނައުމަށް ގާސިމްގެ ބޮޑު ހިއްސާއެއް އެބައޮތް ކަމަށާއި އެހެންކަމުން ގާސިމަށް ސިޔާސީ ގޮތުން ހައްގު މިންވަރު ލިބެން ޖެހޭ ކަމުގައި ވެސް ހަލީމް ވިދާޅުވި އެވެ. އަދި އެ މިންވަރަކީ ބޮޑު ވަޒީރުގެ މަގާމު ކަމުގައި ވެސް ވިދާޅުވި އެވެ.
ހަލީމަށް ތާއީދު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ހަލީމަކީ ދުރުވިސްނޭ ބޭފުޅެއް ކަމަށާއި އަދި ގާސިމަކީ ބޮޑު ވަޒީރު ކަަމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށެވެ. އިސްލާހީ މަސައްކަތުގައި ގާސިމް ކުރެއްވި މަސައްކަތް އެންމެ ގާތުން ފެނިވަޑައިގެންނެވި ބޭފުޅަކީ އެމަނިކުފާނު ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ގާސިމަށް ތައުރީފް ވެސް ކުރައްވާފަ އެވެ.
ތިން ބޭފުޅުންގެ ވާހަކަތަކާ ގުޅިގެން ގާސިމް އިބްރާހީމް ވިދާޅުވީ ބޮޑުވަޒީރުކަމުގެ ބަދަލުގައި ޕިއޯނުކަން އެމަނިކުފާނަށް ދިނުމަށް ވެސް އެމްޑީޕީން އެއްބަސް ނުވާނެ ކަމަށެވެ.
"އެވަރު ދިނަސް ވަރަށް ރަނގަޅު ބަޔަކަށް ވާނެ،" ގާސިމް ވިދާޅުވެފައިވެ އެވެ.